މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ދުރާލާ ރައްކާތެރިވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީއިން މި ފަދައިން އިލްތިމާސްކޮށްފައި ވަނީ ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ އުފެދި މި މަހުގެ 13 އިން 18 އާއި ހަމަޔަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށްވޭރޭވެހ،ި ވަޔާއި ކަނޑު ގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައިވާތީއެވެ.
އެންޑީއެމްއޭއިން ވަނީ މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. މިގޮތުން ގޯތި ގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
އެގޮތުން ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ޖެއްސުމާއި، ފެންބޮޑުވާ ސަރަޙައްދުތަކުގައި ސައިކަލްފަދަ ތަކެތި ޕާކު ނުކުރުމާއި ފިހާރަ ގުދަން ރެސްޓޯރަންޓް އަދިވެސް އަގު ބޮޑެތި މުދާ ރައްކާކުރެވިފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުން މުހިންމު ކަމަށް އެ އޮތޯރިޓީއިން ވިދާޅުވެއެވެ.
މީގެ އިތުރުން ފެންބޮޑުވެ ގެއްލުންލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި އަދި ހިފާގެންގުޅޭތަކެތި ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމާއި ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާ ލާފައި ބެހެއްޓުމުގެ އިތުރުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދަތުރަށް ފެށުމުގެ ކުރިން މުއާސަލާތީ ވަޞީލަތްތަކާއި ސަލާމަތީ އާލާތްތައް ހުރިކަން ކަށަވަރުކުރުމާއި ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމު ކުރުމާއި ޚާއްޞަކޮށް މާލޭގައ،ި ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދު ނުދުއްވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ އިލްތިމާސްކުރައްވާފައެވެ.