ޚަބަރު

މިރެއާއި މާދަމާވެސް އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެ: މެޓް އޮފީސް


  • ވައި ވިލާގަނޑުގައި 40-35 މޭލަށް ގަދަވާނެ

ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރާކުރަނާކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު އައްޑޫ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަކުރާނެ ކަމަށެވެ. އެގޮތުން އުތުރާއި މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހޭނެކަމަށް އެއިދާރާއިން ލަފާކުރައްވައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާޢިން ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދު ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާއި ދެމެދު ބާރުމިނުނުގައި ވައިޖެހޭނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މިދުވަސްވަރު އާއްމުގޮތެއްގައި ކަނޑުތައް މަޑުވާނެކަމަށާއި ނަމަވެސް ވިއްސާރަ ކުރަމުންދާ ވަގުތުތަކުގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިރުޝާދު ދެއްވައެވެ.

ރާއްޖެގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކަށް މޫސުމާބެހޭ އިދާރާއިން ވަނީ ސަމާލުތައްވެސް ނެރުއްވާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ގިނަ ރައްތަކަށް ވާރޭވެހިފައިވާއިރު، އދ. މާމިގިލިއަށް 70 މިލިމީޓަރުގެ ވާރޭ އަދި ވ. ރަކީދޫ އަށް 60 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.