ބަހެއް ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މެދުވެރިޔަކީ ޅެންވެރިކަންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ދިވެހި ޅެންވެރިންގެ ދުވަހާ ގުޅުވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޅެންވެރީންގެ ދުވަހުގެ ޙަފްލާލާގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ މިއަހަރުގެ ޅެންވެރީންގެ ދުވަސް އެކި މުއައްސަސާތަކުންނާއި ޓީވީ/ރޭޑިއޯ ޗެނަލްތަކުން ފާހަގަކުރަމުންދާ ކަމަށެވެ. އަދި މިކަމުން ދޭހަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު އަލުން އިޢާދަކުރުމުގެ މަޝްރޫޢަށް އެއްބާރުލުން ލިބޭކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބަސް ކުރިއެރުވުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ޅެމަކީ ބަހެއްގެ ދިރުމަށް އެންމެ މުހިންމު އެއް ވާސްތާ ކަމަށެވެ. ވަޒީރު ވިދާޅުވީ ޤައުމު އެއްބައިވަންތަކުރުމާއި މަސައްކަތުގެ ރޫޙު އުފެއްދުމުގައިވެސް ޅެންވެރިކަން މުހިންމު ދައުރެއްއަދާކުރާ ކަމަށެވެ.
"މުޅި ރާއްޖެ ސާފުކުރުމަށް މީހުން ނެރުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރި. ލިޔެ ކިޔަން ދަސްކުރުމުގެ ރޫޙު އުފެއްދުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރި. އަދި ކޮންމެ 5 އަހަރަކުން އަންނަ މޫސުންތަކުގައިވެސް ޅެންތައް ފެނިގެންދޭ." ވަޒީރު ވިދާޅުވިއެވެ.
ޅެންވެރިންގެ ދުވަހާ ގުޅިގެން ބޭއްވި ޙަފްލާގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އިސްވާރުންނާއި ގިނަ އަދަދެއްގެ ދިވެހި ޅެންވެރީންނާއި ދިވެހިބަހާ އަދަބަށް ޚިދުމަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގައި ދިވެހި ޅެންވެރީންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މި ދުވަސް ނިސްބަތްވަނީ ކުޅަދާނަ ޝާޢިރު އިބްރާހިމް ޝިހާބުގެ ހަނދާނުގައެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަސް ދިވެހިބަހުގެ އެކެޑެމީން ޚާއްސަކުރައްވާފައިވަނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤަށެވެ.
ދިވެހި ޅެންވެރީންގެ ދުވަހާ ދިމާކޮށް ދިވެހިބަހުގެ އެކެޑެމީން ބާއްވާ ރަސްމީ ޙަފްލާ އޮންނާނީ އަންނަ ބުރާސްފަތު ދުވަހުގެ ރޭއެވެ.