އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް މުޙައްމަދު ޒާހިދާއި އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މި ދެބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ މުޤައްރިއު އިއްވި ރިޕޯޓުގައި ވަނީ ޒާހިދާއި ސަލާޙް ރަޝީދާ ކޮމިޓީން ކުރި އިންޓަވިއުއިން 2 ބޭފުޅުންނަށްވެސް %75 އަށްވުރެ މަތިން މާކްސް ލިބިފައިވާތީ ދެބޭފުޅުންވެސް މެންބަރުކަމަށް އައްޔަންކުރަން ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީންގެ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވީކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުޙައްމަދު ޒާހިދާއި ސަލާޙް ރަޝީދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރުމާމެދު ގޮތެއްނިންމެވުމަށް އެހި ވޯޓުގައި ދެބޭފުޅުންވެސް މެންބަރުކަމަށް އައްޔަންކުރެއްވުމަށް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރި މުޙައްމަދު ޒާހިދު ވަނީ ހިއުމަންރައިޓްސް ކޮމިޝަނުގެ މެންބަރުކަމާއި ނާއިބުރައީސްކަން ކުރައްވާފައިވާފައެވެ. އަދި އަބްދުއްރަޙްމާން ސަލާޙް ރަޝީދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ ކަމުގެ މަޤާމާއި އެކްޓިންގ ސެކްރެޓަރީ ޖެނަރަލްކަމުގެ މަޤާމުގެ އިތުރުން ހޯމް މިނިސްޓްރީގެ ޒިންމާދާރު ވެރިޔާކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން 2 މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ، އެ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާތާއި، ކޮމިޝަންގެ މެންބަރު މުޙައްމަދު އާސިފް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.