ޚަބަރު

ޕީއެސްއެމްގެ ޗެނަލްތަކުން ރޯދަމަހު ގެންނަ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ސްޕޮންސަރުންނަށް ދީފި


  • މިބައްދަލުވުމުގައިވަނީ ރޯދަ މަހު ގެންނަ ޕްރޮގްރާމްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައި

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެނަލްތަކުން ރޯދަމަހު ގެނެސް ދިނުމަށް ހަމަޖެހިފައިވާ ޚާއްސަ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ސްޕޮންސަރުންނަށް ދީފިއެވެ.

ޓީވީއެމްގައި ބޭއްވި މި މައުލޫމާތު ސެޝަނުގައި، ޕީއެސްއެމްގެ ދަށުން ހިންގަމުންދާ ރޭޑިއޯ އަދި ޓީވީ ޗެނަލްތަކުން ގެނެސްދޭ ޕްރޮގްރާމްތަކާއި ގުޅޭގޮތުންވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އެކި ޗެނަލްތަކުން ގެނެސްދޭނެ ޕްރޮގްރާމްތަކާއި ގުޅޭ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ.

ރޯދަމަހު އެކި އުމުރުފުރާތަކަށް ޚާއްސަކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މީގެތެރޭގައި ބެލުންތެރިންނާއި އެހުންތެރިންނަށް އިނާމުތައް ލިބޭ ޕްރޮގްރާމުތަކާއި ތަފާތު ގިނަ މައުލޫމާތު ލިބޭގޮތަށް ތައްޔާރުކުރެވޭ ޕްރޮގްރާމްތައް ހިމެނެއެވެ. ޓީވީ ޕްރޮގްރާމްތަކާއި، ރޭޑިއޯ ޕްރޮގްރާމުތައް ސްޕޮންސަރ ކުރުމުގެ ފުރުސަތު ޕީއެސްއެމުން މިހާރުވަނީ ހުޅުވާލާފައެވެ.

ސްޕޮންސަރުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސްރީންވަނީ ޕީއެސްއެމްގެ ޕްރޮގްރާމްތަކަށް ސްޕޮންސަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިރޯދަމަހުގެ ޕްރޮގްރާމްތައް ސްޕޮންސަރ ކުރާ ފަރާތްތަކަށްވެސް އެފަރާތްތަކުން ދޭން ބޭނުންވާ މެސެޖް ދިނުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރައްވާ މިފުރުސަތު ބޭނުން ހިފާނެކަމަށް އުއްމީދުކުރައްވާކަމަށް ނަސްރީން ވިދާޅުވިއެވެ.

ޕީއެސްއެމް ޗެނަލްތަކުން ރޯދަ މަހަށް ޚާއްސަ ޕްރޮގްރާމްތައް އަބަދުވެސް ގެނެސްދެއެވެ. އެގޮތުން ދުރާލާ ގިނަ ތައްޔާރީތައް ވެގެން ކުރިއަށް އޮތް ރޯދަމަހަށްވެސް އެހުންތެރިންނާއި ބެލުންތެރިންނަށް އައު އުފެއްދުންތައް ގެނެސް ދިނުމަށް ޕީއެސްއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިފަހަރުވެސް ޝައުޤުވެރި ގިނަ ޕްރޮގްރާމުތައް ގެނެސްދޭނެއެވެ.