އެެމެރިކާގެ ރައީސްގެ މަޤާމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް މަޝްވަރާ ކުރައްވައިފިއެވެ. ރައީސްކަމާ ޓްރަމްޕް ޙަވާލުވެވަޑައިގަތުމަށް ތިން ދުވަހަށް ވެފައި ވަނިކޮށް ފޯނު ކޯލެއް މެދުވެރިކޮށް ކުރެއްވި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ މުޙިންމު މައްސަލަކަށް އަލިއަޅުވާލައްވައިފައެވެ. އެ ގޮތުން ވިޔަފާރިއާ ގުޅޭގޮތުންނާއި ޓިކްޓޮކުގެ މައްސަލައާއި ހައްސާސް މައްސަލައެއް ކަމަށްވާ ތައިވާނުގެ މައްސަލައާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދު ކަމަށްވާ ޗައިނާއާއި އެމެރިކާގެ ގުޅުމަށް އަސަރު ކުރާނެ ފަދަ ގިނަ ދާޚިލީ އަދި އިޤްތިޞާދީ މައްސަލަތައް ކުރިމަތިވެފައި ވެއެވެ. ވިޔަފާރިއަށް ބަލާ ނަމަ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ގިނަ ޓެރިފްތަކެއް ތަޢާރަފު ކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމެރިކާއިން އެތެރެކުރާ ހުރިހާ މުދަލަކަށް 10 އިންސައްތައިގެ ޓެރިފެއް ނަންގަވާނެ ކަމަށާއި ޗައިނާގެ އުފެއްދުންތަކަށް 60 އިންސައްތައިގެ ޓެރިފެއް ނަންގަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭގެ ސަބަބުން އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ޝީ ވަނީ ދެ ޤައުމުގެ ދެމެދުގައި ގިނަ ތަފާތުތަކެއް ހުރި ނަމަވެސް ދެ ޤައުމުން އެއް ބަޔަކު އަނެއް ބައެއްގެ މަސްލަހަތަށް އިޚްތިރާމު ކުރާ ނަމަ ދެ ޤަައުމަށް ވެސް ފައިދާ ވާނެ ފަދަ އިޤްތިޞާދީ ގުޅުމެއް ބޭއްވޭނެ ކަމަށް އިޝާރާތް ކުރައްވައިފައެވެ.
ޗައިނާގެ ކުންފުންޏެއްގެ ދަށުން ހިންގާ ޓިކްޓޮކާ މެދު އެމެރިކާގެ ސަރުކާރުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން ޓިކްޓޮކްގައި ހުންނަ ޢާންމުންގެ މަޢުލޫމާތު އެ އެޕުން ޗައިނާ ސަރުކާރާ ޙިއްޞާ ކުރާ ކަމަށް އެމެރިކާގެ ރަސްމީ އިދާރާތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް ޓިކްޓޮކުން އެކަން ދޮގުކުރެއެވެ. ޓްރަމްޕާއި ޝީއާ ދެބޭފުޅުންގެ ދެމެދުގައި މަޝްވަރާތައް ކޮށްފައި މި ވަނީ ޓިކްޓޮކްގެ ވެރިފަރާތް, ބައިޓްޑާންސުން ޖަނަވަރީ 19ވަނަ ދުވަހުގެ ކުރިން އެމެރިކާގައި ހުރި ޓިކްޓޮކުގެ މުދާތައް ޗައިނާއަށް ނިޞްބަތްވާ ބައެއް ނޫން އެހެން ބަޔަކަށް ވިއްކުމަށް އެމެރިކާއިން ޤާނޫނެއްގެ ދަށުން ޝަރުތުކޮށްފައި ވަނިކޮށް އެ ޤާނޫނަށް އެ ޤައުމުގެ ސުޕްރީމު ކޯޓުން ތާއީދު ކުރި ދަނޑިވަޅެއްގައެވެ. އެ ޤާނޫނުގައި ބުނާ ގޮތަށް ބައިޓުޑާންސުން ޢަމަލު ނުކޮށްފި ނަމަ ޓިކްޓޮކަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި އެ އެޕު އެ ޤައުމުގައި ބޭނުން ކުރުން މަނާ ކުރާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ. އެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާ ކަމަށް ޓްރަމްޕް ވަނީ ޝީގެ އަރިހުގައި ދަންނަވާފައެވެ.
އެމެރިކާގެ ރައީސްގެ މަޤާމުގައި މީގެ ކުރިން ޓްރަމްޕް ހުންނެވިއިރު އެެމެރިކާއިން ވަނީ ޗައިނާގެ ބައެއް ކަމަށް ދުނިޔެއިން ބަލައިގެންފައިވާ ތައިވާނަށް ހަތިޔާރު ފޯރު ކޮށްދީފައެވެ. އޭގެ އިތުން ވެސް އެމެރިކާއިން ވަނީ ތައިވާނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރު ކޮށްދީފައެވެ. ޓްރަމްޕާއި ޝީގެ ފޯނު ކޯލުގައި ޝީ ވަނީ ތައިވާނަކީ ޗައިނާގެ ސަރަޙައްދެއްކަން ހަނދާން ކޮށްދެއްވައިފައެވެ. އަދި ތައިވާނުގެ މައްސަލައަކީ ޗައިނާގެ އިސްތިޤުލާލާ ގުޅިފައިވާ މައްސަލައެއް ކަމަށް ފާހަގަ ކުރައްވާ އެ މައްސަލައިގައި އެމެރިކާއިން ޙިކުމަތްތެރިކަމާއެކު މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝީ ވަނީ ވިދާޅުވެފައެވެ.