ޚަބަރު

އިތުރު ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަކަށް އިންތިޒާމްކުރުމަށް ވަޒީރު ގޮވާލައްވައިފި


  • މިހެން ވިދާޅުވީ އިތުރު ހަރަކާތްތައް އިންތިޒާމް ކުރާނެގޮތުގެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި

ސްކޫލްތަކުން އިތުރު ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެފަދަ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އެދިވަޑައިގަންނަވައިފިއެވެ. ވަޒީރު މިކަމަށް އެދިވަޑައިގަތީ އިތުރު ހަރަކާތްތައް އިންތިޒާމް ކުރާނެގޮތުގެ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުމަކީ ތަޢުލީމީ ވުޒާރާއިން މިގޮތަށް ބާއްވާ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.

މި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ބައެއް ސްކޫލްތަކާއި ރަށްރަށުގައި އިތުރު ހަރަކާތްތައް އިންތިޒާމްކުރަމުން އަންނަގޮތުން އޭގެ ނޭދެވޭ އަސަރު ދަރިވަރުންގެ ކިޔެވުމަށް ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން މި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން މިކަންކަމަށް އަލިއަޅުވާލައްވައި ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެފަދަ ގޮތަކަށް އިތުރު ހަރަކާތްތައް ހިންގާ ރޭވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ރަނގަޅު ހައްލެއް ގެނެވޭނެ ގޮތަކަށް އިންތިޒާމް ކޮށްދިނުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

"އަޅުގަނޑު ތިބޭފުޅުންގެ ޑިސްކަޝަނަށް ތިންހަތަރު ކަމެއް ހުށަހަޅާލަން ބޭނުން. ދަރިވަރުންގެ ލާނިންއަށް ފަހިވާންޖެހޭނެކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑަރ ކުރެވެންވާނެކަމަށް. ޕޭރަންޓް މޮނިއުނިޓީ ޕާރޓިސިޕޭޓްވާއިރުގައި އެ ޕާޓިސިޕޭޝަންއަކީވެސް އެބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަކަށް މިކަން ވާންޖެހޭނެކަމަށް. އަދި ދިވެހިރާއްޖޭގެ މި ޖިއޮގްރަފިކަލް ޑިސްޕާޝަން ކޮންސިޑަރ ކުރަން ޖެހޭނެކަމަށް". ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރުގެ ހަރަކާތްތައް ހިންގަންވާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިކަންކަން ރާވާއިރު މުޅި ތައުލީމީ ދާއިރާއިން މިކުރާ މައިގަނޑު މަސައްކަތައް ބުރޫއަރައިގެން ވާނެކަމަކަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

ދަރިވަރުންނާއި ބެހޭގޮތުން ނިންމާ ކޮންމެ ކަމެއްގައި އެންމެ ބޮޑު އިސްކަމެއްދީ ވިސްނަންވާނީ ދަރިވަރުންނަށްކަން ވަޒީރު ވަނީ މަޝްވަރާ ބައްދަލުވުމުގެ އެންމެހައި ބައިވެރިންނަށް ގޮވާލައްވާފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި 92 ބައިވެރިން ބައިވެރިވެއެވެ. އޭގެތެރޭގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޖަމްޢިއްޔާތަކާއި، ކައުންސިލްތަކާއި، ސްކޫލްތަކުގެ ކުޅިވަރު ސްޕަވައިޒަރުންނާއި، އިސްލާމިކް މިނިސްޓްރީ ފަދަ މުއައްސަސާތައް ހިމެނެއެވެ.