ޚަބަރު

ދިވެހިންނަކީ ނާތަހުޒީބު ބައެއްކަން ދައްކަން އުޅުމަކީ ދަށު ދަރަޖައިގެ ޢަމަލެއް: ނައިބު ރައީސް


  • ރައީސަކީ ބިނާކުރަނިވި ފާޑުކިއުމަށް ޖާގަ ދެއްވާ ބޭފުޅެއްކަމަށް ނައިބު ރައީސް ވިދާޅުވި

  • ދިވެހިންނަކީ ނާތަހުޒީބު ބައެއްކަމަށް ދެއްކުމަކީ ހަޖޫޖެހުންކަމަށް އެމަނިކުފާނު ވިދާޅުވި

ދިވެހިންނަންނަކީ ނާތަހުޒީބު ބައެއްކަން ދައްކަން އުޅުމަކީ ދަށުދަރަޖައިގެން ޢަމަލެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މީސްމިޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ސިޔާސީ ފަރާތަކުން މީޑިއާއެއްގައި ވާހަކަދައްކަވަމުން މަގުމަތިން ވެރިކަން ވައްޓާލަން ރައްޔިތުން ނިކުންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކެވުމާ ގުޅިގެންނެވެ.

މިވާހަކަތަކަށް އިޝާރާތްކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ބިނާކުރަނިވި ފާޑުކިއުމަށް ޖާގަ ދެއްވާ ބޭފުޅެއް ކަމަށެވެ. އަދި މި ސިފައަކީ ޤައުމަށް އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ފާޑުކިޔުމުގެ ނަމުގައި ދިވެހިންނަކީ ނާތަހުޒީބު އަދި ޑިމޮކްރެސީއާއި ދުރުބައެއްކަން ދައްކަން އުޅުމަކީ، ދަށު ދަރަޖައިގެ ޢަމަލެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރައްޔިތުންނަށް ހަޖޫޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ސަރުކާރާއި ދެކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށް އެކި ގޮތްގޮތުން ފާޑުކިއުން އަމާޒު ކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވެޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވެ، ވެރިކަމުން ދުރުކޮށް ޢަޒުލްކުރުމަށްވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވެއެވެ. އަދި އޭރު މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮތްއިރު ބައެއް ވަޒީރުންނަށް ރުހުން ނުދީ ހިފެހެއްޓިއިރު، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލް ފަދަ މުހިންމު ބިލްތައް އޭރު މަޖިލީހުން ބޭރުކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި އެއްވެސް ސިޔާސީ ފަރާތަކަށް ސިޔާސީ ގޮތުން ހައްޔަރުކޮށް ދައުވާ ނުކުރައްވާނެ ކަމަށެވެ. އަދި ސަރުކާރަށް ފާޑުކިއުމުގެ ޖާގަ ހުރިހާ ފަރާތަކަށްވެސް އޮންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.