ޚަބަރު

ދަރަނީގެ ބޮޑު ބައެއް ރޯދައިގެ ކުރިން ދައްކާ ޚަލާސްކުރެވޭނެ: ފެނަކަ


  • ދަރަނި އަވަހަށް ދެއްކުމަށް ސަރުކާރާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން

  • ޑިސެންބަރު މަހު 20 މިލިއަން ރުފިޔާގެ ދަރަނި އަދާކޮށްފައިވޭ

ފެނަކަ ކުންފުނިން ދައްކަން ޖެހޭ ދަރަނީގެ ބޮޑު ބައެއް ރޯދަމަހުގެ ކުރިން ދައްކާ ޚަލާސްކުރެވޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ. މިސަރުކާރުން ވެރިކަމާއި ހަވާލުވީ އިރު، ފެނަކާގައި 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން، އެންމެ ބޮޑު އެއް ދަރަންޏެއް އޮތް ކުންފުންޏަކީ ފެނަކައެވެ. ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ، އެތައް ބަޔަކު ދިޔައީ ޝަކުވާ ކުރަމުންނެވެ. އޭރު ސަރުކާރުން އަމާޒަކަށްވީ ކުންފުނީގެ ހިނގުން ހަރުދަނާކޮށް ކުންފުނި "ރައިޓް ސައިޒް" ނުވަތަ ނުތަކާވަރަށް ޚަރަދު ބޮޑުވެފައިވާ ކުންފުނި އެކަށީގެންވާ މިންގަނޑަކަށް ފެއްތުމެވެ.

ކުންފުނީގެ އާ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހް ވިދާޅުވީ ކުންފުނީގެ މަސައްކަތްތައް އާ އަހަރަށް ބައްޓަންކޮށްފައިވަނީ، ދަރަނި ދެއްކުމަށާއި ހިންގުން ހަރުދަނާ ކުރުމަށާއި އަދި ޚިދުމަތްތައް ފުޅާކުރުމަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން ދަރަނި އަވަހަށް ދެއްކުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ނަޖާހް ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ރޯދައިގެ ކުރިއަށް ދަރަނި ދެއްކުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަޤީޤަތުގައި ކުންފުންޏަށް ލިބޭފައިސާއިން އަޅުގަނޑުމެންނަށް މިތަން ހިންގޭނެ. އެހެންނަމަވެސް، ދަރަނީގެ ބޮޑު ބެކްލޮގެއް މިއަންނަނީ. އެކަމުގައި އަޅުގަނޑުމެން މިހާރު މިގެންދަނީ މަޝްވަރާ ކުރަމުން. މިނިސްޓްރީއާއެކު މަޝްވަރާކުރަމުން ދަނީ. ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފައި އޮތީ ރޯދައިގެ ކުރިން އަޅުގަނޑުމެންނަށް ފަންޑަސް ހަމަޖައްސައި ދެއްވާނެ ކަމަށް. އިރާދަ ކުރެއްވީއްޔާ ރޯދައިގެ ކުރިއަށް ދަރަނީގެ ކަންކަން ހައްލުވާނެ. އޭރު ރަށްރަށަށް ޚިދުމަތް ދިނުމަށް ފޯކަސް ކުރެވޭނެ" ނަޖާހު ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ކުންފުންޏާއި ހަވާލުވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ދަރަނި ދެއްކުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކަމަށެވެ.
އެގޮތުން މިވޭތުވެ ދިޔަ ޑިސެންބަރު މަހު 20 މިލިއަން ރުފިޔާގެ ދަރަނި އަދާކުރުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު އަދިވެސް ވެންޑަރުންނަށް 640 މިލިއަން ރުފިޔާގެ ދަރަނި އަދާނުކުރެވި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެފައިސާ މިހާރު ސަރުކާރުން އެއޮތީ ހަމަޖައްސަވާފައި. މިހާރު އަޅުގަނޑުމެން އެ ފައިސާ ސެކިއަރކޮށް ޑިސެމިނޭޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. އަޅުގަނޑުމެން މިބަލަނީ ރޯދައާއި ހަމައަށް މުޅި ޖުމްލަ އެއްކޮށް ދައްކާ ޚަލާސް ނުކުރެވުނަސް، މީގެ މެޖޯރިޓީ %90 ކްލިއަރ ވާނެ ކަމަށް. ބާކީ ހުރިއެއްޗެއް ވެއްޖެއިއްޔާ ކުންފުނީގެ ތެރެއިން ޚަލާސްކޮށް ނިންމާލާނަން. އިރާދަކުރެއްވިއްޔާ ރޯދައިގެ ކުރިއަށް ވާނެ" ނަޖާހު ވިދާޅުވިއެވެ.

ފެނަކައިން އަމިއްލަ ކުންފުނިތަކަށް ދައްކަން ހުރި ދަރަނީގެ ބޮޑު ބައެއް ރޯދައި ކުރިން ޚަލާސްކުރާނެ ކަމަށް އެކުންފުނިން ފާހަގަކޮށްފައިވާއިރު، އެކުންފުންޏަށް ލިބޭ އާމްދަނީގެ ތެރެއިން ބޮޑު ބައެއް ދަނީ ދަރަނި އަދާކުރުމަށެވެ.

ފެނަކައިން ދަރަނިތައް ދެއްކުމާއެކު ކުންފުނީގެ ޚަރަދުތައްވެސް ވަނީ ކުޑަކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ހިންގުމުގެ ޚަރަދުން 24.7 މިލިޔަން ރުފިޔާގެ ގެއްލުމެއް އެކުންފުންޏަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައިވެސް ހިންގުމުގެ ޚަރަދުން އެކުންފުނި ވަނީ ފައިދާ ހޯދާފައެވެ.

މިއާއެކު 2023 ވަނަ އަހަރާއި އަޅާބަލާއިރު، 160 މިލިޔަން ރުފިޔާ ހިންގުމުގެ ޚަރަދުން ކުޑަކޮށްފައިވާ ކަމަށް ފެނަކައިން ވިދާޅުވެއެވެ.