ސްޕެނިޝް ލަލީގާގައި ރޭ ލެގަނޭސް އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ އެވެ.
މި މެޗުން ބަލިވުމާއެކު އެ ޓީމުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ވަނީ 15 މެޗަށްފަހު ނިމުމަކަށް އައިސްފަ އެވެ.
ލަލީގާގެ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް އެތްލެޓިކޯ މެޑްރިޑް ވަނީ ކުޅުނު 20 މެޗުން 44 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ބާސެލޯނާއަށް 20 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.
ރަށުން ބޭރުގައި އެތްލެޓިކޯ މެޑްރިޑް ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެތްލެޓިކޯގެ ޖޫލިއަން އަލްވަރޭޒް އާއި އެންޓޮއިން ގްރީޒްމަން ފޮނުވާލި ނުރައްކާތެރި ހަމަލަތައް ވަނީ ލެގާނެސްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ލެގަނޭސްގެ މަޓިޖާ ނަސްޓަސިޗް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި ނަތީޖާ އާއިއެކު އެތްލެޓިކޯ މެޑްރިޑް އިން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ 15 މެޗަށްފަހު ނިމުމަކަށް އައިސްފަ އެވެ. ޑިއެގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެތްލެޓިކޯ މެޑްރިޑް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ 27 ވަނަ ދުވަހު ރެއާލް ބެޓިސް އަތުން ބަލިވި މެޗަށްފަހު ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ.