ޚަބަރު

ރަކި ބުރެކި: އަލަށް ފެނުނު މަހަށް މި ނަން ދިނީ ޑައިވަރުން ފެންނަ އިރަށް އަވަހަށް ފިލާތީ


  • މި މަސް ފެނުނީ ކުރަމަތީ އައުޓަރ ރީފުގެ މޫދުގެ 100 އާއި 125 މީޓަރު ދޭތެރޭގެ ފުންމިނުން

  • މި މަހަކީ 2-3 އިންޗި ދިގުމިނުގެ ކުޑަ މަހެއް

ދުނިޔެ އިން މިހާތަނަށް ރިކޯޑު ކުރެވިފައި ނުވާ އައު މަހެއް ރާއްޖެއިން އަނެއްކާވެސް ފެނިއްޖެއެވެ. މިމަހަށް ކިޔާފައިވަނީ "ރަކި ބުރެކި" އެވެ.

މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ބޭރުގެ ސައިންޓިސްޓުންނާއި ގުޅިގެން ކުރިއަށް ގެންދެވުނު އެކްސްޕެޑިޝަނެއްގައި މި މަސް ފެނިފައިވަނީ ކުރަމަތީ އައުޓަރ ރީފުގެ މޫދުގެ 100 އާއި 125 މީޓަރު ދޭތެރޭގެ ފުންމިނުންނެވެ.

މި ސަރަޙައްދަކީ މޫދުގެ "ޓްވައިލައިޓް ޒޯން" ގެ ނަމުން މަޝްހޫރު، އަލިކަން ފަނޑު ސަރަޙައްދެކެވެ. މި ސަރަޙައްދަކީ ވަރަށް ޚާއްޞަ އަދި ތަފާތު ގިނަ ދިރުންތަކެއް އުޅޭ ތަނެއްކަން މި ހޯދުމުން ވަނީ ސާބިތުވެފައެވެ.

މި މަހަށް "ރަކި" މި ނަން ދެވިފައިވަނީ ދިވެހިބަހުން "ރަކި" ނުވަތަ ލަދުގަތުމުގެ މާނައިގައެވެ. މި ބާވަތުގެ މަސްތައް ވަރަށް ފޮރުވިގެން އުޅޭކަމަށާއި، ސަރވޭތައް ކުރިއަށްދާއިރު ގިނަފަހަރު ފެންނަން ނުހުންނަކަމަށް ތަޙްޤީޤުވެރިން ފާހަގަކޮށްފައިވެއެވެ. އަދި ޑައިވަރުން ފެނުމުން މި މަސް ފިލާ ކަމަށް ބުނެފައިވެއެވެ.

ރަކި ބުރެކި ފެނިފައިވަނީ އއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުންނެވެ. މިހާތަނަށް މި މަސް ފެނިފައިވަނީ ހަމައެކަނި ރާއްޖެއިންނެވެ. މި މަހަކީ 2-3 އިންޗި ދިގުމިނުގެ ކުޑަ މަހެކެވެ. މިއީ ސެރަނިޑޭ ޢާއިލާގެ މަހެކެވެ. މި ޢާއިލާގައި ހިމެނެނީ ގިނަގުނަ ކުލަތަކާއި، ތަފާތު ސައިޒުތަކާއި ބޮޑެތި ކަނޑުމަސްތަކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ރާއްޖެ އިން މުޅިން އާ މަހެއް ފެނުނެވެ. އެއީ ވެސް ދުނިޔެ އިން އަލަށް ރެކޯޑުކުރެވުނު މަހަކެވެ. ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދު ހިމެނޭ ހެން 180 ކިލޯމީޓަރުގެ ސަރަހައްދަކުން ފެނުނު އެ މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް" އެވެ.