ޚަބަރު

އެންމެ ފަހުން ޣައްޒާ ޢުދުވާން މެދުކަނޑައިލުމުގެ އެއްބަސްވުން ތަންފީޒު ކޮށްފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާ ޢުުދުވާންތައް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް ޢަމަލު ކުރަން ފަށައިފިއެވެ. އެއްބަސްވުމަށް ޢަމަލު ކުރަން ފަށާފައި މި ވަނީ އެއްބަސްވުން ތަންފީޒު ކުރުމުގެ ސުންގަޑި ގާތްވެފައި ވަނިކޮށް އެ ކަން ލަސް ކުރަން ޔަހޫދީން އުޒުރުތަކެއް ދެއްކުމުގެ ސަބަބުން ކަނޑައެޅި ގަޑި ފަހަނައަޅާ ތިން ގަޑިއިރު ފާއިތުވި ފަހުންނެވެ.

ޔަހޫދީ ފައުޖުން ޣައްޒާގައި ޢުދުވާން ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާން ފަށާފައި ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ 250އެއްހާ މީހުން ރަހީނުކޮށްފައެވެ.


ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ ޖަނަވަރީ 15ވަނަ ދުވަހުއެވެ. ނަމަވެސް، އެއްބަސްވުމަށް ތަންފީޒު ކުރަން ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ އިދާރާއިން ވަނީ، އެއްބަސްވުމުގެ ދަށުން މިނިވަން ކުރާނެ އަސީރުންގެ ނަންތައް ފޯރުކޮށްދިނުމަށް ޙަމާސަށް އަންގާފައެވެ. އެ ލިސްޓު ޖަނަވަރީ 19ވަނަ ދުވަހު ފޯރުކޮށްދިނުމަށް ވެސް އަނިޔާވެރި ނަތަންޔާހޫގެ އިދާރާއިން ވަނީ އަންގާފައެވެ. ނަމަވެސް، ޙަމާސް ޖަމާޢަތުން އޭރު ބުނީ ޓެކްނިކަލް ސަބަބުތަކަށް ޓަކައި އެ ކަން ކުރެވެން ނެތް ކަމުގައެވެ.



ނަތަންޔާހޫގެ އަމުރަށް ތަބާވުމަށް ޙަމާސުން ދެކޮޅު ހެދުމުން، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށާއި، ސުލްޙައިގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުން މަޑުޖައްސައިލުމަށް ނަތަންޔާހޫ އަމަރު ކޮށްފައިވާ ކަމުގައި ޔަހޫދީ ފައުޖުގެ ތަރުޖަމާނަކު ހާމަކުރިއެވެ. ނަތަންޔާހޫގެ އޮފީހުން ބުނީ، ޙަމާސުން އެންމެ ފުރަތަމަ މިނިވަން ކުރުމަށް ނިންމާފައިވާ ތިން އަސީރުންގެ ނަން ހާމަ ނުކުރަނީސް ސުލްޙައިގެ އެއްބަސްވުމަށް އަމަލު ކުރަން ނުފަށާނެ ކަމުގައެވެ. ނަމަވެސް ކުރިމަތިވި މައްސަލައަށް ޙައްލެއް ލިބިފައިވާ ކަމަށާއި ރާއްޖެ ގަޑިން މެންދުރު 2:15ގައި އެއްބަސްވުން ތަންފީޒު ކުރާނެ ކަމަށް އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރުގެ އިދާރާއިން ފަހުން ވަނީ އިޢުލާނު ކޮށްފައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލު ކުރަން ފަށާތާ މަދު ގަޑިއިރުތަކެއްގެ ތެރޭޭގައި، ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ތިން މީހުން ރެޑް ކްރޮސާ ޙަވާލުކޮށް މިނިވަން ކުރުމަށް އޮތީ ނިންމާފައެވެ. އެ އެއްބަސްވުމުގެ ދަށުން ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލާނީ ހަ ހަފުތާގެ މުއްދަތަކަށެވެ. އެއީ، އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާއެވެ.
މި މަރުޙަލާގައި ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން 33 މީހުން މިނިވަން ކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނޭނީ އަންހެނުންނާއި، ކުޑަކުދިންނާއި، 50 އަހަރުން މަތީގެ ފިރިހެނުންނެވެ. އަދި، ޒަޚަމުވެފައިވާ މީހުންނާއި ބަލިމީހުންނެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ އަދަދު 97އަށް އަރާ ކަމުގައި ޔަހޫދީން ޤަބޫލު ކުރެއެވެ.
އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 2,000 މީހުން މިނިވަން ކުރަން ޖެހޭނެއެވެ. އޭގެ ތެރޭގައި 737 ފިރިހެނުންނާއި އަންހެނުންގެ އިތުރުން ޒުވާން އުމުރު ފުރައިގެ ކުދިން ވެސް ހިމެނޭނެއެވެ. އަދި، ޣައްޒާ ޢުދުވާން ފެށުމަށް ފަހު ޔަހޫދީންގެ ހައްޔަރަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ ބަޔަކު ހިމެނޭނެއެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ތެރޭގައި، އެއްބަސްވުމުގެ އިތުރު މަރުޙަލާތަކާ މެދު ދެ ފަރާތުގެ ދެމެދުގައި އިތުރު މަޝްވަރާތައް ބާއްވާނެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 46,899އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 110,725 މީހުން ޒަޚަމު ކޮށްލާފައެވެ.