ޚަބަރު

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަންނަމަހު ފަށަނީ


ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއިއެކު ކުރިޔަށް ގެންދަވާ މަޝްވަރާތައް އަންނަ މަހުގެ ތެރޭގައި އަނެއްކާވެސް ކުރިޔަށް ގެންދަވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވީ، އ.ދ ގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދަވާ މަޝްވަރާތައް ފައްޓަވަނީ މި މަޝްވަރާތަކަށް އދ ކަނޑައަޅުއްވާފައިވާ މަންދޫބް ތަމްރަތު ސެމިއުލް ރާއްޖެ ވަޑައިގަތުމުންކަމަށެވެ.

ކުރިން ބޭއްވެވި މަޝްވަރާތަކުގައި ވާހަކަދެކުވުނު ކަންކަން އެއްވެސް ފަރާތަކުން ހާމަނުކުރުމަށް އެއްބަސްވެފައިވާއިރު އެ ވަހާތަކަށް ހަވާލާދެއްވާ އިދިކޮޅު ފަރާތަކުން ވާހަކަ ދައްކަވަމުން ގެންދަވާ ގެންދެވުމަކީ މަޝްވަރާތަކަށް ހުރަސްއެޅުންކަމަށް ޑރ. ޝައިނީ ސިފަކުރެއްވިއެވެ. އަދި އެއީ މަޝްވަރާތައް ކުރިޔަށް ގެންދެވުމުގައި އިދިކޮޅު ފަރާތްތަކުގެ އިޚްލާސްތެރިކަން ނެތުންކަމަށްވެސް ޑރ. ޝައިނީ ވިދާޅުވިއެވެ.

ސަރުކާރުން އިސްނަންގަވައިގެން ފައްޓާވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަންނަ މަހު އަލުން ފެއްޓެވުމަށް ތައްޔާރުވަމުންދާއިރު އިދިކޮޅު ފަރާތްތަކުން ބުނަނީ އެ މަޝްވަރާތަކުގައި ދެން ބައިވެރިވާނީ އިދިކޮޅު ފަރާތްތައް ގުޅިގެން ހަދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިއްތިހާދުންކަމަށެވެ.

އެވާހަތަކަށް ރައްދުދެއްވާ ޑރ.ޝައިނީ ވިދާޅުވީ، ސަރުކާރުން މަޝްވަރާތައް ފެއްޓެވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި އެކުކަމަށާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ކިޔާ ސިޔާސީ ޕާޓީއެއް ރާއްޖޭގައި އޮތްކަން އެންގިވަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން އަލުން މަޝްވަރާތައް ފައްޓަވާއިރު ހުރިހާ ސިޔާސީ ޕާޓީތަކެއް މަޝްވަރާތަކުގައި ބައިވެރިވާނެކަށާއި މަޝްވަރާތައް ކާމިޔާބުވާނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް ޑރ ޝައިނީ ވިދާޅުވިއެވެ.

އެންމެފަހުން ބޭއްވި ޕާޓީތަކުގެ މަޝްވަރާތައް ތިން ބުރެއްގެ މަތިން ބޭއްވުމަށް ސަރުކާރުން މަސައްކަތްކުރެއްވި އިރުވެސް  ޝަރުތުތަކެއް ކުރިމަތިކުރުވާ އެ މަޝްވަރާތަކުގައި  އިދިކޮޅު އެމްޑީޕީއާއި އަދާލަތުން ބައިވެރިވެފައެއް ނުވެއެވެ. އެމްޑީޕީން ބުނަމުން ދިޔައީ މަޝްވަރާތަކުގައި ބައިވެރިވާނީ ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރެއްވުމުންކަމަށެވެ. އަދާލަތުން ބުނަމުން ގެންދަނީ، އެޕާޓީން މަޝްވަރާތަކުގައި ބައިވެރިވާނީ ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އެ ޕާޓީގެ ކުރީގެ ރައީސް އިމްރާން  އަބްދުﷲ މިނިވަންކުރެއްވުމުންކަމަށެވެ.