ސްޕެނިޝް ލަލީގާގައި ރޭ ލަސް ޕަލްމާސް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ކިލިއަން އެމްބާޕޭ ޖެހި ދެ ލަނޑާއެކު ފަހަތުން އަރާ 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެ ތާވަލުގެ އެއްވަނަ މަގާމް ހޯދައިފި އެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން 46 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 20 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު ވާދަވެރި ބާސެލޯނާއަށް 39 ޕޮއިންޓާއެކު ލިބިފައިވަނީ ތިންވަނަ އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހަތަރު ހާސް މީހުންނަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި ލަސް ޕަލްމާސް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިފައިވަނީ ފަބިއޯ ސިލްވާ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 18 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ އެވެ. މި ޕެނަލްޓީ އަކި ރޮޑްރިގޯ އަށް ސަންޑްރޯ ރަމިރޭޒް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދީފައިވާ ޕެނަލްޓީ އެކެވެ.
މި މެޗުގައި ރެއާލް މެޑްރިޑަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައިވަނީ މެޗުގެ 33 ވަނަ މިނިޓުގައި ބްރާހިމް ޑިއާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނިޓް ފަހުން ކިލިއަން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ރޮޑްރިގޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ތިން ލަނޑު އޮފްސައިޑް ކަމަށް ރެފްރީ ނިންމާފައިވާއިރު, އޭގެ ތެރޭގައި އެމްބާޕޭ ޖެހި ލަނޑެއްވެސް ހިމެނެ އެވެ. ރެއާލް މެޑްރިޑް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ވަނީ ލަސްޕަލްމާސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
ލަސްޕަލްމާސް އިން ދެވަނަ ހާފަށް ކުޅެން ނެރުނު ބެނީޓޯ ރަމިރޭޒް އަށް މެޗުގެ 64 ވަނަ މިނިޓުގައި ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. ވަޒްކޭޒް އަށް ކުރި ފައުލަކާއި ގުޅިގެން ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ ރަތް ކާޑަކަށް ބަދަލުކޮށްފަ އެވެ.
މެޗުގެ ފަހު 26 މިނިޓު އެއް ކުޅުންތެރިއަކު މަދުކޮށް ލަސްޕަލްމާސް އިން ކުޅުނު ނަމަވެސް އޭގެ ފަހުން ރެއާލް މެޑްރިޑަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ.