ޚަބަރު

ޓޮޓްނަމް އަތުން އެވަޓަން މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް އެވަޓަން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އެވަޓަން ކާމިޔާބުކޮށްފި އެވެ.

އެވަޓަންގެ ގުޑިސަން ޕާކްގައި ތިރީސް ނުވަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި އެވަޓަންގެ ޑޮމިނިކް ކެލްވަޓް-ލެވިން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ އެވަޓަންގެ ކޯޗު ވަކިކުރުމަށްފަހު ދާދި ފަހުން ވަނ އެ ޓީމުގެ ކޯޗު ކަމަށް ޑޭވިޑް މޯޔެސް ހަމަޖައްސާފަ އެވެ. އަދި މޯޔެސްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު މި މެޗުގައިވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

މި މެޗުގެ 30 ވަނަ މިނިޓުގައި އިލިމަން އެންޑިއާޔޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި އެންޑީ ގްރޭ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އެވަޓަން އަށް ވަނީ 3-0 ގެ ލީޑެއް ލިބިފަ އެވެ.

ޓޮޓްނަމް އިން މި މެޗުގައި ރަގަޅު ހަމަލަތަކެއް އެވަޓަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް ގޯލުކީޕަރ ޕިކްފޯޑް ވަނީ ގިނަ ހަމަލަތަކެއް ދިފާއުކޮށްފަ އެވެ.

މި މެޗުގައި ޓޮޓްނަމް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކުލުސޭވްސްކީ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ރިޗަލިސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.

ރެލިގޭޝަނުގެ ބިރުން އެވަޓަން ސަލާމަތް ކުރުމުގެ ގޮތުން ޑޭވިޑް މޯޔެސް އާއި އެ ޓީމު ހަވާލުކޮށް ޓޮޓްނަމް އާއި ދެކޮޅަށް ދެއްކި ކުޅުމާއިއެކު އެ ކްލަބުގެ ސަޕޯޓަރުންގެ އުންމީދު ވަނީ އައުވެފަ އެވެ. އުމުރުން 61 އަހަރުގެ މޯޔެސް ވަނީ 2002 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް މީގެ ކުރިން އިރުޝާދު ދީފަ އެވެ.