ޚަބަރު

ތަޙުޤީޤަށް އެއްބާރުލުން ދިނުމަށް ދެކުނު ކޮރެޔާގެ ޔޫން އިންކާރު ކުރައްވައިފި


ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވެފައިވާ ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލާ ދެކޮޅަށް އެ ޤައުމުގެ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރާ އިދާރާ (ސީއައިއޯ)ން ހިންގަމުންދާ ތަޙުޤީޤަށް އެއްބާރުލުން ދިނުމަށް އޭނާ އިންކާރު ކުރައްވައިފިއެވެ. ފިއްލަވައިގެން ރިޔާސީ ގަނޑުވަރުގައި ހުންނެވި ޔޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޖަނަވަރީ 15ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައި ވަނީ ޤާނޫނީ ޙުކޫމަތު ނަގައިލުމާއި ދައުލަތާ ދެކޮޅަށް ފިތުނަވެރިކަމުގެ އަމަލެއް ހިންގެވުމާއި، ޚިޔާނާތުގެ ކުށުގެ ދަޢުވާއާ ގުޅިގެންނެވެ. އަދި، ސީއައިއޯގެ ތަޙުޤީޤަށް އެއްބާރުލުން ދެއްވުމަށް އިންކާރު ކުރައްވަމުން ގެންދަވާތީއެވެ.

ޔޫންގެ މައްޗަށް ސާބިތުވެފައި ވަނީ، ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރެއްވުމުގެ ކުށުގެ ދަޢުވާއެވެ. އޭނާއާ ދެކޮޅަށް ޤާނޫނު ހަދާ މަޖިލީހަށް ޤަރާރެއް ހުށަހަޅަައި، ފާސްކޮށްފައި ވަނީ ޑިސެންބަރު 3ވަނަ ދުވަހު ޤައުމުގައި ކުއްލިހާލަތު އިޢުލާނު ކުރައްވަން މަސައްކަތް ކުރެއްވުމާ ގުޅިގެންނެވެ. ޤާނޫނު ހަދާ މަޖިލީހުން ނިންމާފައި ވަނީ، އެއީ ޣައިރުޤާނޫނީ އަމަލެއްގެ ގޮތުގައެވެ. އަދި، ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ޔޫން ދުސްތޫރީ ކުށެއް ކުރައްވާފައިވާ ކަމުގައެވެ. އެ ނިންމުމާ އެކު ޤާނޫނު ހަދާ މަޖިލީހުން ވަނީ ރައީސް ކަމުގެ މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން ޔޫން ސަސްޕެންޑު ކޮށްފައެވެ.

ޔޫނާ ދެކޮޅަށް ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވެފައިވުމާ ގުޅިގެން ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުން ވަނީ އޭނާއާ ދެކޮޅަށް ޝަރިޢަތް ފަށާފައެވެ. މިއީ، އޭނާއާ ދެކޮޅަށް ސީއައިއޯން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކާއި ވަކިން ހިންގާ ޝަރިޢަތެކެވެ. ދުސްތޫރީ ކޯޓުގައި ފަށާފައިވާ ޝަރިޢަތުގައި ޔޫން ރައީސް ކަމުގެ މަޤާމުގައި ދެމިހުންނެވުމާ މެދު ގޮތެއް ނިންމާނެއެވެ. އޭނާ މި ވަގުތު ހައްޔަރު ކޮށްފައި ހުންނެވީ ވެރިރަށް ސޯލްގައި ހުންނަ ސޯލް ޑިޓެންޝަން ސެންޓަރުގައެވެ.

ޔޫން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރުމުން އޭނާއަށް ތާޢީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުތަކަށް ނިކުމެ ހަމަނުޖެހުން ހިންގާފައެވެ. އަދި، ފުލުހުންނާއި ކުރިމަތިލައި، ސޯލްގައި ހުންނަ ވެސްޓަރން ޑިސްޓްރިކްޓް ކޯޓުގެ އިމާރާތަށް ވަދެ، މުދަލާއި ތަކެއްޗަށް ގެއްލުން ދީފައެވެ. މި ކަމާ ގުޅިގެން، ޔޫން ހައްޔަރުގައި ހުރި ސޯލް ޑިޓެންޝަން ސެންޓަރުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

ކޯޓުގެ އިމާރާތާއި މުދަލަށް ގެއްލުން ދިން މީހުންގެ ތެރެއިން 90 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި، އޭގެ ތެރެއިން 66 މީހަކާ ދެކޮޅަށް މަނާ ސަރަޙައްދަކަށް ވަނުމާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި، ފުލުހުންނަށް ޙަމަލާ ދިނުމުގެ ކުށުގެ ދަޢުވާ އުފުލުމަށް ނިންމާފައިވާ ކަމުގައި ދެކުނު ކޮރެޔާގެ ޔޮންހަޕް ނޫސް އޭޖެންސީން ރިޕޯޓު ކުރިއެވެ. އެ ކުށްތަކުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އިތުރު މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ދެކުނު ކޮރެޔާގެ ޖަސްޓިސް މިނިސްޓަރު ކިމް ސޯ-ގޫ ހާމަކުރެއްވިއެވެ.

ކޯޓު އިމާރާތަށް ދިން ޙަމަލާއާ މެދު ދެކުނު ކޮރެޔާގެ އިންތިޤާލީ ރައީސް ޗޮއި ސަންގ-މޮކް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި، އެ ފަދަ ކުށްތަކެއް ތަކުރާރު ކުރިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ ފުލުހުންގެ މައްޗަށް އަމުރު ކުރައްވާފައެވެ. މިއީ، އޭޝިޔާގެ ހަތަރު ވަނައަށް އެންމެ ބޮޑު އިޤުތިޞާދުގެ ގޮތުގައި ބެލެވޭ ދެކުނު ކޮރެޔާގައި ފަހުގެ ތާރީޚެއްގައި ހިނގާފައިވާ އެންމެ ބޮޑު ސިޔާސީ ހަމަނުޖެހުންގަނޑެވެ.

ޔޫނާ ދެކޮޅަށް ސީއައިއޯން ފަށާފައިވާ ތަޙުޤީޤަށް އެއްބާރުލުން ދިނުމަށް އޭނާ އިންކާރު ކުރައްވާފައިވާއިރު، އޭނާގެ ޤާނޫނީ ވަކީލުން ބުނީ، އޭނާ ހައްޔަރަށް ގެންގޮސްފައި ވަނީ ޣައިރުޤާނޫނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައެވެ. އަދި، އޭނާއާ ދެކޮޅަށް ތަޙުޤީޤެއް ހިންގުމުގެ ޤާނޫނީ ބާރުވެރިކަން ސީއައިއޯއަށް ލިބިގެން ނުވާ ކަމަށް ވެސް އެ ފަރާތްތަކުން ވަކާލާތު ކުރެއެވެ.

ޔޫން ދުސްތޫރީ ކުށަކަށް އަރައިގަންނަވާފައިވާ ކަމަށް ކަނޑައަޅާފައި މި ވަނީ ޑިސެންބަރު 3ވަނަ ދުވަހު ޤައުމުގައި ކުއްލި ހާލަތު އިޢުލާނު ކުރެއްވި ހާދިސާއާ ގުޅިގެންނެވެ. ނަަމަވެސް، ޤާނޫނުހަދާ މަޖިލީހާއި ޢާންމުންގެ ފަރާތުން ކުރިމަތިވި ނުރުހުމާއި ފިއްތުންތަކާ ގުޅިގެން މަޑު ގަޑިއިރުތަކެއްގެ ތެރޭގައި ޔޫން ވަނީ އެ ނިންމުން ބާޠިލު ކުރައްވާފައެވެ.