ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދޭނެކަމަށާއި އެކަން މިއަދު ފެންނަމުންދާކަމަށް ރައްޔިތުންގެ މަޖިލީގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ތިންްވަނަ ޖަލްސާގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އައު މެންބަރުންތަކެއް އައްޔަންކުރުމާ ގުޅޭގޮތުން ބަހުސް ކުރައްވަމުންނެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް މެންބަރުން އައްޔަން ކުރެއްވުމަށް ބޭއްވި ޖަލްސާގައި އިދިކޮޅު ބައެއް މެންބަރުން ވަނީ ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުކުރައްވާފައެވެ. އަދި އެ މައްސަލަތައް ބެލުމުގެ ފުރުސަތު ނެތްކަމަށްވެސް އިދިކޮޅުގެ މެންބަރުން ވަނީ ތުހުމަތުކުރައްވާފައެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ މިސަރުކާރަކީ ކޮރަޕްޝަނަށް ފުރުސަތު ދޭނެ ސަރުކާރެއް ނޫންކަމަށާއި ސަރުކާރުގެ ތެރޭގައި ހުރި ކަންކަން ބެލުމުގެ ފުރުސަތު ފަހިވެފައިވާކަން މިހާރުވެސް ފެނިގެންދާ ކަމަށެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަންގެ ކަންކަން ހިނގާނަމަ މިނިވަންކަމާއެކު އެ މައްސަލަތައް ބެލުމުގެ ފުރުސަތު ސަރުކާރުން ދެއްވަމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ.
"އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ގެންދަވާށޭ. ސަރުކާރުން އެއަށް ހުރަސް އަޅާކަށް ނެތީމޭ. ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް އެންމެ ފުރިހަމަ ގޮތުގައި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ބަލައި ތަހުގީގުކޮށް، ދައުވާކުރަންޖެހޭ މައްސަލަތަކުގައި ދައުވާކުރުމުގެ ފުރުސަތު އެވަނީ ފަހިކޮށްދެވިފައި،" ހުސްނީ މުބާރިކް ވިދާޅުވިއެވެ.
ހުސްނީ މުބާރިކް މިހެން ވިދާޅުވެފައިވާއިރު މިފަހުން އެޗްޑީސީގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ސަރުކާރުން ވަނީ ވަގުތުން ފިޔަވަޅު އަޅުއްވައި އެ މައްސަލަ ތަހުގީގުކުރެއްވުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ. އަދި އެކަމާ ގުޅުންހުރި ފަރާތްތަކާމެދު ސަރުކާރުން ވަގުތުން ފިޔަވަޅުވެސް އެޅުއްވިއެވެ.
ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތްތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އަދި ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސްކަމެއް ސަރުކާރު ތެރެއިން ހިނގަން އެމަނިކުފާނު ބޭނުންފުޅުވެވަޑައި ނުގަންނަވާކަމަށާއި އެފަދަ ކަމެއް ކުރުމުގެ ފުރުސަތެއް އެމަނިކުފާނުގެ ސަރުކާރެއްގައި ނޯންނާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކުރީގެ ސަރުކާރުތަކުން ކޮރަޕްޝަނަށް ފިޔަވަޅު ނޭޅިނަމަވެސް އެމަނިކުފާނު އެފަދަ ކަންކަމަށް ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާނެކަމަށްވެސް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.