ޚަބަރު

އައިއީޑީގެ މައްސަލާގައި 4 މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި


މުލިއާގޭ ކައިރީގައި އައިއީޑީއެއް ބޭއްވި މައްސަލާގައި އެކަކު 20 އަހަރަށް އަނެއް ތިން މީހުން 17 އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ހުކުމް އިއްވަވައިފިއެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުގެތެރޭގައި މުލިއާގޭ ކައިރީ އޮތް ޕިކަޕެއް ގެ ފިއުލް ޓޭންކް މަތީ އައިއީޑީއެއް  ބޭއްވި މައްސަލާގައި ދައުވާކުރި ހަތަރު މީހުންގެ ތެރެއިން 20 އަހަރަށް ޖަލަށްލުމަށް ހުކުމްކުރައްވާފައިވަނީ ހއ ހޯރަފުށީ އާރޯ އަޙުމަދު މަޙުމޫދްގެ މައްޗަށެވެ. 17 އަހަރުގެ ޖަލު ހުކުމް އައިސްފައިވަނީ ހ.މިޓާޒް ތަލްހަތު މުޙައްމަދާއި، މ.ހީރޯ މުޙައްމަދު އުބައިދު އިބްރާޙީމް އަދި ތ.ތިމަރަފުށީ ވިލާ ޒިހާން އަޙުމަދަށެވެ.

މި މައްސަލާގައި ހިމެނުނު 4  މީހުންގެ މައްޗަށްވެސް  ދައުލަތުން ކުރެއްވީ ޓެރަރިޒަމްގެ ދައުވާ. މި މައްސަލާގެ ހުރިހާ އަޑުއެހުންތަކާއި ހުކުމް އިއްވެވުމަށް ބޭއްވެވި މަޖްލިސްވެސް ކުރިޔަށް ގެންދަވާފައިވަނީ އާއްމުކޮށް މީހުންނަށް ނުވަދޭވެގޮތަށް ސިއްރު ކުރައްވައިގެންނެވެ.

img:http://s4.psmnews.mv/images/660x400/5911.jpeg|އައިއީޑީ ޑިފިއުސްކުރުމަށް އެމްއެންޑީއެފް ހަރަކާތްތެރިވަނީ -ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

މުލިއާގޭ ކައިރިން އައިއީޑީ ފެނުމުން ސިފައިން ވަނީ އެތަނުން  އޭތި ނަގައިގެން  ސްޓޭޑިއަމް ސަރަހައްދަށް  ގެންގޮސް ނުގޮވާގޮތް  ހަދާފައެވެ. އެ އައިއީޑީ ގޮވި ނަމަ 60 ފޫޓް ބޮޑު ސަރަހަދަކަށް އޭގެ އަސަރުފޯރާ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށް ސަލާމަތީ ބާރުތަކުން އޭރު ބުނެފައިވެއެވެ. އަދި މި އައިއީޑީ  އެތަނުގައި ބާއްވާފައިވަނީ  ރިޔާސީ ލޯންޗްކޮޅު ގޮއްވާލާ ރައީސް ޔާމީން އަވަހާރަކޮށްލުމަށް ދިން ހަމަލާ ނާކާމިޔާބުވުމުން އެމަނިކުފާނު އާއްމުކޮށް ދަތުރުކުރައްވާ މަގެއްގައި ބޭއްވުމަށް ފަހު ގޮއްވާލައިގެންވެސް އެމަނިކުފާނު އަވަހާރަކޮށްލެއްވުމަށްކަމަށް އެ މައްސަލަ ތަޙުގީގު ކުރެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.