ޚަބަރު

ރޯލިން ޓޮބޭކޯ ޝިޕްމަންޓް ދޫކޮށްލީ ޤާނޫނަކުން އެތަކެތި އެތެރެކުރުން މަނާނުކުރާތީ: ކަސްޓަމްސް


  • ޓޮބޭކޯގެ ޝިޕްމަންޓް ދޫކޮށްލީ ޤާނޫނަކުން އެފަދަ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށްފައި ނެތުމުން

ރޯލިން ޓޮބޭކޯގެ ޝިޕްމަންޓް ދޫކުރީ ޤާނޫނަކުން އެތަކެތި އެތެރެކުރުން މަނާކޮށްފައި ނުވާތީކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއިން މިހެން ވިދާޅުވީ، ރޯލިން ޓޮބޭކޯ މަނާ ނުކުރުމަށް އެ މުއައްސަސާއިން ނިންމައި، އެ މުއައްސަސާއިން ހިފަހައްޓާފައި ހުރި ޝިޕްމަންޓެއް ދޫކޮށްލިކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ ކަސްޓަމްސްއިން ރޯލިން ޓޮބޭކޯގެ ޝިޕްމަންޓެއް ހިފެހެއްޓީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިފަހުން ގެނައި އިސްލާހުތަކާއެކު އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ސުވާލު އުފެދިގެން ކަމަށެވެ. މިއީ އާންމުގޮތެއްގައި މުދަލެއް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ސުވާލު އުފެދިއްޖެނަމަ އަމަލު ކުރާގޮތް ކަމަށާއި އެ މުދާ ދޫކުރަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ.


ކަސްޓަމްސްއަކީ ޤާނޫނު ތަންފީޒުކުރާ އިދާރާއެއްކަން ފާހަގަކުރައްވައި އަހުމަދު ނިޔާޒު ވިދާޅުވީ ދެ ހަފުތާއަށްފަހު ރޯލިން ޓޮބޭކޯގެ ޝިޕްމަންޓް ދޫކޮށްލީ ޤާނޫނަކުން އެފަދަ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށްފައި ނެތުމުން ކަމަށެވެ.

"އާންމު އުސޫލުންވެސް މުދަލެއް ރާއްޖެ އެތެރެކުރެވޭތޯ ނުވަތަ ނޫންތޯ، ޝައްކު އުފެދޭ ހާލަތެއްގައި އަޅުގަނޑުމެން ހިފަހައްޓަން. ހިފަހައްޓާފައި އެބަބަލަން، އެއްވެސް ޤާނޫނަކާ ތައާރުޒުވޭތޯ، ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ޤާނޫނަކާ އެކަމާ ތައާރުޒުވޭތޯ. ބެލުމަށްފަހު ވަރަށް ބޮޑަށް ޔަގީންކުރުމަށްފަހު އަޅުގަނޑުމެން މި ދޫކޮށްލަނީ." ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް މިދިޔަ ނޮވެމްބަރުމަހު ގެނައި އިސްލާހުގައި ވަނީ ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކުރުން އަދި ޤާނޫނަކުން މަނާކޮށްފައި ނުވާ ކަމަށް ކަސްޓަމަސްއިން ވިދާޅުވެއެވެ.

ދުންފަތާ ގުޅުންހުރި ބާވަތްތަކުގެ ތެރެއިން ރާއްޖެއަށް މިވަގުތު އެތެރެކުރުން ޤާނޫނަކުން މަނާކޮށްފައިވަނީ ވޭޕާއި، އީ-ސިނގިރޭޓުފަދަ ތަކެއްޗާއި އެތަކެތީގެ ބައިތަކެވެ.