ސައުދީ ޕްރޯ ލީގުގައި އިއްޔެ އަލް ޝަބާބް އާއި ދެކޮޅަށް އަކް އިއްތިހާދު ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކާމިޔާބުކޮށް އަމިއްލަ ދަނޑުގައި ބަލިނުވެ އެ ޓީމު ހިފަހައްޓަމުން އަންނަ ރެކޯޑް ދަމަހައްޓައިފި އެވެ.
ސައުދި އަރަބިއްޔާގެ ޖިއްދާގައި ކުޅުނު މި މެޗު އަލް އިއްތިހާދުން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން 43 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އަލް ހިލާލް އަށްވެސް 43 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާއިރު މެޗުގެ 32 ވަނަ މިނިޓުގައި އަބްދުލްރަހްމާން އަލް އަބޫދު ވަނީ ފުރަތަމަ ލަނޑު ޖަހާ އަލް އިއްތިހާދަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގެ ތިންވަނަ މިނިޓުގައި ކަރީމް ބެންޒޭމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ރެފްރީ ނިންމާލުމުގެ ކުރިން އަލް ޝަބާބްގެ ހާރޫން ކަމާރާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.