ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފެނޫޑް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ބަލިވެ މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދުމުގައި އެ ޓީމަށް އިތުރު މައްސަލަތަކާއި ކުރިމަތިވެއްޖެ އެވެ.
މި މެޗުން ބަޔާން މިއުނިކް ބަލިވުމާއެކު އެ ޓީމަށް 7 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ. ފެނޫޑަށް 7 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ވަނީ ތާވަލުގެ 11 ވަނަ ލިބިފަ އެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާނީ ގަދަ އަށް ޓީމަށް ކަމަށްވާއިރު ބަޔާން މިއުނިކް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗުން މޮޅުވި ނަމަވެސް އެ ޓީމަށް ލިބޭނީ 15 ޕޮއިންޓެވެ. އަދި މިވަގުތު ގަދަ އަށެއްގައި ހިމެނޭ ޓީމުތައް މޮޅުވެއްޖެ ނަމަ ބަޔާން މިއުނިކަށް ޖެހޭނީ ޕްލޭއޮފް މެޗުތައް ކުޅުމަށެވެ.
ނެދަލޭންޑްސްގައި ކުޅުނު މި މެޗުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ ރެފްރީ ވަނީ މެޗު ސަސްޕެންޑްކޮށް ކުޅުން ހުއްޓުވާފަ އެވެ. އެއީ ދަނޑަށްވަދެ ތިބި ސަޕޯޓަރުން ބޭނުން ކުރި ފްލެއާސް ތަކުން އެރި ދުމުގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫ ވުމުގެ ސަބަބުންނެވެ.
މެޗުގެ ކުޅުން އަލުން ފެށިތާ 21 ވަނަ މިނިޓުގައި ފެނޫޑްގެ ސެންޓިއާގޯ ޖިމިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ފެނޫޑް އިން ލަނޑު ޖަހާ ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް ބަޔާން މިއުނިކް ހެރީ ކޭން އަށް ވަނީ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ފެނޫޑްގެ ކީޕަރު ޖަސްޓިން ބިޖްލޯ ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފެނޫޑް އަށް ލިބުނު ޕެނަލްޓީ އަކުން ޖިމިނޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފަށައިގެން ބަޔާން މިއުނިކް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން ޖަމާލް މުސިއާލާ ފޮނުވާލި ނުރައްކާތެރި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުގައި ފެނޫޑް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަޔާސޭ އުއޭޑާ އެވެ.
މި ނަތީޖާ އާއިއެކު ފެނޫޑަށް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދުމަށް ބޮޑު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން އަންނަ ހަފްތާގައި ފްރާންސްގެ ލިލް އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ގަދަ އަށެއްގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.