ޚަބަރު

ދެމެހެއްޓެނެވި ގޮތެެއްގައި ޣައްޒާއަށް އެހީ ފޯރު ކޮށްދިނުމަށް އިތުރު ފައިސާ ބޭނުންވޭ: އދ


ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އދން ބުނެފިއެވެ.

ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުން ދިޔަ ޢުދުވާނީ ޙަމަލާތައް ވަނީ 15 މަސް ދުވަހަށްވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައެވެ. އެ ޢުދުވާނުގައި ފަލަސްޠީނުގެ 47,000 ރައްޔިތުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި ޙާލުގައި ޖެހިފައެވެ. ބަނޑުހައި ހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލަމުންދާ ޣައްޒާގެ ރައްޔިތުން ދިރި ތިބުމަށް ބަރޯސާ ވަނީ ބޭރުން ލިބޭ އެހީތެރިކަމުގެ މައްޗަށެވެ.

އެ ހަނގުރާމައިގައި ޙަމަލާ ބަދަލު ކުރުން ހުއްޓާލާފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުން ތަންފީޒު ކުރުމާއެކު ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި ތެލާއި އެ ނޫން ވެސް އިންސާނީ އެހީ ވަނީ އެ ރަށަށް ވައްދަން ފަށާފައެވެ. އެ އެއްބަސްވުމާ އެކު ޣައްޒާއަށް އެހީ އެތެރެ ކުރާ މިންވަރު ވަނީ ކުރިއަށް ވުރެ 10 ގުނަ އިތުރު ވެފައެވެ. ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ފަހު ފާއިތުވާ ފުރަތަމަ ހަތް ހަފުތާގެ ތެރޭގައި ދުވާލަކު 600 ޓްރަކުގެ ސާމާނު ޣައްޒާއަށް ވެއްދޭނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ވެއެވެ. އެެެއްބަސްވުމަށް ޢަމަލު ކުރަން ފަށާ، ފާއިތުވި ދުވަސްތަކުގައި އެ ލަނޑުދަނޑިއަށް ވުރެ އިތުރަށް ވެސް ޣައްޒާއަށް ދަނީ ސާމާނު ވައްދަމުންނެވެ.

ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުުގެ ސަރަޙައްދުތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް މި އަހަރު 4.1 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް އދން ވަނީ އަމާޒު ހިފާފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ ޚަރަދު ކުރާނީ ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މި ޢަދަދުގެ ތެރެއިން އދއަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 3.6 އިންސައްތައެވެ.

އިސްތިޢުމާރު ކޮށްފައިވާ ފަަލަސްޠީނުގެ ބިންތަކަށް ކަނޑައަޅާފައި ހުންނަ އދގެ އިންސާނީ އެހީގެ ކޯޑިނޭޓަރު މުޙައްނަދު ޙާދީ ވިދާޅުވީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ތަންފީޒީ ޙާލަތުގައި އެހީ ފޯރު ކޮށްދިނުމުގެ ކަންކަން ކިތަންމެ ރަނގަޅަށް ކުރިއަށް ދިޔަސް, ފައިސާ ލިބުމުގައި ދަތިތައް ހުރުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއްބަސްވުމުގެ މުއްދަތު ކަމުގައިވާ 42 ދުވަހަށް ވާ ވަރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަގުތުން ވަގުތަށް އިތުރު ފައިސާ ބޭނުންވާ ކަމަށެވެ. އެ މުއްދަތަށް ފަހު ވެސް, ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުޚަލާއެއް ފެށިއްޖެ ނަމަ ފައިސާގެ އެހީތެރިކަން އިތުރަށް ލިބިގެން ނޫނީ ދެމެހެއްޓެނެވި ގޮތެެއްގައި އެހީ ފޯރު ނުކޮށްދެވޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

މުޙައްނަދު އިތުރަށް ވިދާޅުވީ ބޭރުން ލިބޭ އެހީތެރި ކަމަށް ޣައްޒާގެ ރައްޔިތުން ބަރޯސާ ވާން ބޭނުން ނުވާ ކަމަށާއި ދިރިއުޅުން އަލުން އާރާސްތު ކޮށް އަމިއްލަ ފައި މައްޗަށް ތެދުވަން އެ މީހުން އެދޭ ކަމަށެވެ. އެ މީހުންގެ ގެދޮރުތަކަށް އަލުން އަނބުރާ ދާން ބޭނުންވާ ކަން ވެސް ފާހަގަ ކުރައްވަމުން މުޙައްނަދު ވިދާޅުވީ ޣައްޒާގެ ރައްޔިތުންގެ މި އުންމީދު ޙާޞިލް ކުރުމަަށް އެހީތެރިކަން ފޯރު ކޮށްދޭން ޖެހޭ ކަމަށެވެ.