ދުންފަތުގެ އިސްތިއުމާލުކުރުމަކީ، ތިމާއާއި ތިމާގެ ވަށައިގެންވާ މީހުންނަށް ގެއްލުންވާ ކަމެއްކަން އެނގިތިބެ އެފަދަ ކަމެއްގެ ތެރެއަށް ގެނބިގެންދާ ސަބަބުތައް ދެނެގަތުމަކީ މިކަމުން މުޖުތަމަޢު ސަލާމަތްކުރުމަށް ފަރުދީގޮތުން ކުރަންޖެހޭ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ފުރަތަމަ މަރުޙަލާއަކީ ހަގު ޢުމުރުގައި ކުރާކަމެއްކަމުން މިކަމުގައި ކުޑަކުދިންނަށް އެކުދިންގެ ވިސްނުމާ އެއްވަރަށް މިމަޢުލޫމާތު ފޯރުކޮށްދިނުމަކީވެސް މިއަދު ކުރަންޖެހޭ މުހިންމު ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޕިއަރ ޕްރެޝަރ ނުވަތަ އެކުގައި އުޅޭ މީހުންގެ ނުފޫޒު އިސް ދައުރެއް އަދާކުރާންކަން ކަމާ ބެހޭ އިދާރާތަކުން ފާހަގަކުރައްވައެވެ. އެގޮތުން އެކަކު ކުރާނަމަ އެއީ މޮޅުކަމެއްކަމުގައި ޤަބޫލުކުރެވި، އެމީހުންގެ މަލާމާތުން ސަލާމަތްވުމަށް އެއްފަހަރު ތަޖުރިބާކޮށްލާކޮށްލުމަކީ ފުރާވަރުގައި ދުންފަތުގެ ޝިކާރައަކަށް ގިނަ ކުދިންވާ މައިގަނޑު ސަބަބުކަމަށް ބައިނަލްއަޤުވާމީގޮތުން ހެދިފައިވާ އެކި ދިރާސާތަކުން ދައްކައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަށް ކުޑައިރު ހިތްޖެހޭ އަނެއް ސަބަބަކީ ތިމާގެ ރޯލްމޮޑެލް ނުވަތަ އެންމެ ލޯބިވާ އާއިލާގެ މެމްބަރުން ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރު ފެނުންކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. އެހެންކަމުން މަންމަ، ބައްޕަ ނުވަތަ އެއްބަނޑު އެއްބަފާ މީހުން ދުންފަތުގެ އިސްތިއުމާލުކުރާތަން ކުޑަކުދިންނަށް ފެންނަނަމަ، އެއީ ކުދިން އެކަމަށް ޝައުގުވެރިވާކަމަކަށް ވެއެވެ.
ކުޑަކުދިންނާއި ޒުވާނުން، މުނިފޫހިފިލުވުމަށް ބަލާ ކާޓޫނާއި ފިލްމުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރު ފެނުމަކީވެސް މިވަބާގެ ޝިކާރައަކަށް ޅަ ސިކުނޑިތައް ވެގެންދާކަމެއްކަމަށް އެމެރިކަން ކެންސަރ ސޮސައިޓީން ފާހަގަކުރެއެވެ. ހަމައެއާއެކު ރަހަ މީރު ފްލޭވަރތަކުގައި ވޭޕާއި، އީސިނގިރެޓު ބާޒާރުގައި ލިބެން ހުރުމަކީވެސް މިކަމަށް ޒުވާނުން ދެވިހިފާކަމެއްކަންވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން މިފަދަ ސަބަބުތަކާއި މެދު ބެލެނިވެރިންނާއި ސްކޫލްތަކާއި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއެކު ވިސްނާ ފިޔަވަޅުތައް އެޅުން އެއީ މިކަމުގެ ދެމެހެއްޓެނިވި ހައްލަކަށް ދިޔުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތެވެ. ކުދިން އުޅޭ ތަންތަނާއި، އެކުގައި އުޅޭ ރައްޓެހިންގެ ހަގީގަތް ދެނެގަތުމަކީ މުހިންމުކަމެކެވެ. އަދި އެންމެ އިސްކަމެއް ދީގެން ތިމާގެ ނަފްސާ މެދު ކުދިންގެ ހިތުގައި ޔަގީންކަން އުފައްދައިދޭ ބަޔަކީ މައިންބަފައިންނަށްވުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ.
އެގޮތުން ގެއިން ބޭރުގެ މާހައުލުން ދިމާވާ މީހުންގެ ބަސްތަކަށް ކުއްޖާ އިތުބާރު ކުރުމުގެ ކުރިން، އަމިއްލަ ނަފްސާއި މެދު އޮންނަ އިތުބާރު ވަރުގަދަކޮށް ދަމަހައްޓައިދޭ ބަޔަކަށް ބެލެނިވެރިންވުމަކީ ނުރަނގަޅު މަގުތަކުން ދިޔުމަށް އެޅިގެންދާ ހުރަހެކެވެ. ހަމައެއާއެކު ތުއްތު ކުދިން ކުރިމަތީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަންޖެހެއެވެ. އަދި އެއީ ގޯސްކަމެއްކަން ބުނެދޭހެން އެކަން ޢަމަލުން ދެއްކުމަކީ ބޮޑެތި މީހުންވެސް ކުރަންޖެހޭނެކަމެކެވެ. މިފަދަ ކުދި ކުދި ކަންކަމަކީ އޭގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ ކަންކަމުން ކުދިން ރައްކާތެރި ކުރެވިދާނެ ކަންކަމެވެ.