އައްޑޫ ހަންކެޑެ ބުރިޖު އަންނަ ހޮނިހިރު ދުވަހު، އާއްމު ދަތުރުފަތުރަށް ހުޅުވާލާނެކަމަށް އިމާރާތްކުރުމުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ހަންކެޑެ ބުރިޖުގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
އައްޑޫ ހަންކެޑެ ބުރިޖުގެ މަޝްރޫޢުއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ބުރިޖުގެ ޢާމަލީ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ އެ ޕްރޮޖެކްޓް ހަވާލުކޮށްފަވަނީ، މިދިޔަ އަހަރު އޮގަސްޓްމަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައެވެ.
އައްޑޫ ސީޓީ ހަންކެޑެ ބުރިޖުގެ ޢަމަލީ މަސައްކަތް ފެށީ 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 1.4 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭނަށް ތަރައްޤީކުރާ ބުރިޖެކެވެ. އައްޑޫ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދިޔައީ އެ ސިޓީގެ މަގު ހެދުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢާ އެކުއެކީގައެވެ.
ހަންކެޑެ ބުރިޖުއިން ގުޅުވައިދެނީ އައްޑޫ ހިތަދުއާއި މަރަދޫއެވެ.
އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން މީގެކުރިން ހާމަކުރިގޮތުގައި، މަގު އާއްމުންނަށް ހުޅުވާނުލެވި ލަސްތަކެއް ދިމާވީ އިތުރު ޓެކްނިކަލް ސަރވޭތަކެއްގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ސަބަބުންނެވެ. މަގު ހުޅުވާލުން ލަސްވާތީ ސިޓީ ކައުންސިލާ ރައްޔިތުންވެސް ކަންބޮޑުވުން ފާޅުކޮށްފަވެއެވެ.
އައްޑޫ ސިޓީގެ އެތެރޭގެ މަގުތައް ހިމެނޭހެން މުޅި މަޝްރޫޢަށް 1.19 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ހަންކެޑެ ބުރިޖު އާންމު ދަތުރުތަކަށް ހުޅުވާލުމާއެކު، މިހާރު ހަންކެޑެ ހުރަސްކޮށް ބޭނުންކުރާ ލިންކް ރޯޑްގެ އެ ސަރަޙައްދު އާންމު ދަތުރުފަތުރުތަކަށް ބަންދުކުރާނެއެވެ.
ހަންކެޑެ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމަށެވެ. ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާވެސް އަޅާފައެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢު ނިމިގެން ދާއިރު އައްޑޫ ސިޓީގައި 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްޤީ ކުރެވޭނެއެވެ.
މި މަޝްރޫޢުގެ ތެރެއިން ތަޢާރަފް ކުރެވޭ ތަފާތު ގިންތީގެ ހޮޓެލްތަކުގެ ތެރޭގައި 2 ގްރޭންޑް، 2 ޑިލަކްސް، އަދި 10 ބުޓީކް ހޮޓެލް ތަރައްޤީ ކުރެވޭނެއެވެ. އަދި 64 ސަރވިސްޑް އެޕާރޓްމަންޓް ތަކުގެ އިތުރުން، 7 ބީޗް ވިލާވެސް މިމަޝްރޫޢު ތެރޭގައި ހިމެނެއެވެ.