ޚަބަރު

އޭއައިގެ އެހީއާއެކު މުގައްރަރުގެ ތެރެއިންކުރާ ކޮންމެ ސުވާލަކަށް ޖަވާބުދޭ އެޕެއް ދަރިވަރަކު އުފައްދައިފި


  • މިއެޕް އުފެއްދީ ޢަރަބިއްޔާގެ ދަރިވަރު ތަމީމް

  • ތަމީމް މިއެޕު އުފެއްދީ ޢަރަބިއްޔާ ސްކޫލްގެ ސައިންސް ފެއަރ ޕްރޮޖެކްޓެއްގެ ގޮތުގައި

  • ތަމީމް ދަނީ މި އެޕު އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްކުރަމުން

  • ތަމީމްގެ އުންމީދަކީ ޢަރަބިއްޔާގެ ހުރިހާ ދަރިވަރުންނަށް މި އެޕު ބޭނުންކުރެވުން

އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން ފިލާވަޅު ދަސްކުރުމަށް އެހީވެދޭ އެޕްލިކޭޝަނެއް ޢަރަބިއްޔާ ސްކޫލްގެ ދަރިވަރަކު އުފައްދައިފިއެވެ.

އިނގިރޭސިބަހާއި ދިވެހިބަހުގެ މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއެއް ޢަރަބިއްޔާ ސްކޫލްގައި ކިޔަވައިދެނީ ޢަރަބި ބަހުންނެވެ. މިއީ ޢަރަބި މީޑިއަމަށް ރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލްކަންވެސް ފާހަގަކޮށްލެވެއެވެ. އެހެންކަމުން ޢަރަބިއްޔާ ސްކޫލްގެ މުޤައްރަރާ ގުޅޭ މަޢުލޫމާތު އިންޓަނެޓުގައި މަދެވެ. ގިނަ މަޢުލޫމާތުތައް ހުންނަނީ ފޮތްފޮތުގައެވެ.

ނަމަވެސް ޓެކްނޮލޮޖީގެ ފަސޭހަތަކުން ޖަރީވެފައިވާ މިޒަމާނުގައި ބޭނުންވާ މަޢުލޫމާތުތައް ފޮތްފޮތުން ހޯދުމަކީ އިންޓަނެޓާ އަޅާ ކިޔާއިރު ގިނަ ވަގުތު ހޭދަވާ ކަމެކެވެ. މިހެންވެ ގުރޭޑު 1އިން ފެށިގެން ޢަރަބިއްޔާ ސްކޫލްގައި ކިޔަވަމުން އަންނަ މުޙައްމަދު ތަމީމް އަޙްމަދަށްވެސް މުގައްރަރާ ގުޅޭގޮތުން ޢަރަބި ބަހުން ލިޔެފައިހުރި މަޢުލޫމާތު ހޯދުމަށް އުނދަގޫވިއެވެ.

ގިނަ ވަގުތު ހޭދަނުކޮށް، ބޭނުންވާ މަޢުލޫމާތުތައް ފަސޭހައިން ހޯދޭނެ މަގެއް ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށްވެސް ތަނަވަސްވުމަކީ މިހާރު ގުރޭޑު 11ގައި ކިޔަވަމުންދާ ތަމީމްގެ އުންމީދެކެވެ. މިއަހަރު ޢަރަބިއްޔާ ސްކޫލުން ބޭއްވި ސައިންސް ފެއަރއަށް ތަމީމް ހުށައެޅި ޕްރޮޖެކްޓު ވެގެންދިޔައީ އޭނާގެ މި އުންމީދުގައި ޙަޤީޤީ ކުލަ ޖެހެން މެދުވެރިވި ކަމަކަށެވެ.

"އަޅުގަނޑު ސައިންސް ފެއަރއަށް އެންމެ ފުރަތަމަ ހަދަން އުޅުނީ އަޑު ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް. އެހެންނަމަވެސް އެއަށް އެހާ ބޮޑު އެހީތެރިކަމެއް ނުލިބުނީމަ ދެން ވިސްނީ ކޮންޕިއުޓަރު ބޭނުންކޮށްގެން ކޮންމެވެސް އެއްޗެއް ހަދަން." ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ތަމީމް ބުންޏެވެ.

އޭއައި އެޕްލިކޭޝަނެއްގެ ޚިޔާލު އުފަންވުން:

ފުރަތަމަ ހަދަން ވިސްނި ޕްރޮޖެކްޓައިގެން ކުރިއަށްދެވޭ ގޮތް ނުވުމުން ތަމީމް ދެން ވިސްނީ ކޯޑުކޮށްގެން އެޕްލިކޭޝަނެއް ނުވަތަ ކޮންޕިއުޓަރ ޕްރޮގުރާމެއް އުފެއްދުމަށެވެ. ފެއަރ ފެށުމަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އުފައްދާނެ ކޮންޕިއުޓަރ ޕްރޮގުރާމަކާމެދު ތަމީމް ވިސްނަން ފެށިއެވެ. ތަފާތު ވިސްނުންތައް ވިސްނުމަށްފަހު ތަމީމް ނިންމީ މަސްނޫޢީ ސިކުނޑިއެއްގެ އެހީތެރިކަމާއެކު މުގައްރަރުގެ ތެރެއިން ބޭނުންވާ މަޢުލޫމާތުތައް ސިކުންތު ކޮޅެއްގެ ތެރޭގައި ހޯދޭނެ އެޕްލިކޭޝަނެއް އުފެއްދުމަށެވެ. ނުވަތަ ކޯޑުކުރުމަށެވެ. ތަމީމު އަންނަނީ ގުރޭޑު 2އިން ފެށިގެން ކޯޑުކުރަމުންނެވެ.

"އޭއައި ބޭނުންކޮށްގެން ސުވާލެއް ކުރީމަ ވަގުތުން މަޢުލޫމާތު ދޭ އެޕެއް އުފައްދަން ވިސްނީ ސްކޫލްގައި ކުރެވުނު ތަޖުރިބާއިން. އަޅުގަނޑަށް ވަރަށް އުނދަގޫ ބަހެއް ޢަރަބިބަހަކީ. ޓިއުޝަން ނެގިޔަސް އުނދަގޫ ޢަރަބިން ކިޔަވަން. ދެން އޭއައިއަށް ވިސްނާލީ. އޭއައިގެ މަޤުސަދަކީ އިންސާނުންނަށް ލުއި ފަސޭހަކަން ގެނެސްދިނުން. ޢަރަބިން އޭއައި ހެދޭނެތޯ ވިސްނާފައި 3 މަސް ދުވަހުގެ މަސައްކަތުން އޭއައި ހެދިފައި އެއޮތީ." ތަމީމް ބުންޏެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ އިސްސަފުގައި މަސައްކަތްކުރާ އެއް ކުންފުނި ގޫގުލްއިން ބުނާ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސަކީ ބަހަކުން ބުނުމުން ނުވަތަ ލިޔުމުން އެ ބުނި ނުވަތަ ލިޔުނު އެއްޗެއް ނަގައިގަނެވުމާއި މަޢުލޫމާތު ދަސްކުރުމާއި ދަސްކުރި މަޢުލޫމާތުގެ އެހީގައި ޖަވާބުދިނުންފަދަ އިންސާނުންނަށް ކުރެވޭ ބައެއް ކަހަލަ ކަންކަން ސިކުންތު ކޮޅެއްގެ ތެރޭގައި ކޮންޕިއުޓަރުން ކުރެވޭނެ މަގު ފަހިކުރުވާ ޓެކްނޮލޮޖީގެ އުފެއްދުމެކެވެ.

މުގައްރަރުގެ ތެރެއިން ސުވާލެއް ކުރުމުން ޖަވާބުދޭ އެޕްލިކޭޝަން ތަމީމް އުފެއްދީވެސް އެ އެޕްލިކޭޝަނުގައި ބޭނުންކުރާ އޭއައިއަށް ޢަރަބިއްޔާ ސްކޫލްގެ މުގައްރަރު ދަސްކޮށްދީގެންނެވެ. މި އެޕްލިކޭޝަނަށް އޭނާ ދިން ނަމަކީ މުސާޢަދާއެވެ. ޢަރަބި މި ލަފުޒުގެ މާނައަކީ އެހީތެރިކަމެވެ.

ތަމީމްގެ އެޕްލިކޭޝަން މަސައްކަތްކުރާ ގޮތް:

3 މަސް ދުވަހުގެ މަސައްކަތުން އުފެއްދި އެޕްލިކޭޝަން މަސައްކަތްކުރާ ގޮތް ތަމީމް ކިޔައިދިނެވެ.

"ފުރަތަމަ ޕްރޮޖެކްޓް ހަދަންވެގެން ކޮންމެ މާއްދާއަކުން ދެތިން ފޮތް ޚިޔާރުކުރީ. ދެން ފޮތްތަކުގެ ޕީޑީއެފް ހޯދީ. ޕީޑީއެފް ނެތްނަމަ ފޮޓޯ ނެގީ. ފޮޓޯއާއި ޕީޑީއެފް ދެން ޓެކްސްޓަށް ބަދަލުކުރީ. ބަދަލުކޮށްފައި މެޝިން ލަރނިން ބޭނުންކޮށްގެން ފޮތްފޮތުގައިހުރި މަޢުލޫމާތު އޭއައިއަށް ދަސްކޮށްދިނީ." ތަމީމް ބުންޏެވެ.

(މެޝިން ލަރނިންއަކީ އަލްގޮރިދަމެއް ބޭނުންކޮށްގެން ކޮންޕިއުޓަރަށް މަޢުލޫމާތު ދަސްކޮށްދިނުމުން އެ މަޢުލޫމާތު ބޭނުންކޮށްގެން ތަފާތު ކަންކަން ކުރުވުމެވެ. މެޝިން ލަރނިންއަކީ އޭއައިގެ ބައެކެވެ.)

މުސާޢަދާ އެޕްލިކޭޝަނުގައި ބޭނުންކޮށްފައިވާ އޭއައިއިން ޢަރަބިއްޔާ ސްކޫލްގެ މުގައްރަރުގެ ތެރެއިން ކޮންމެ ސުވާލެއް ކުރިޔަސް ވަގުތުން ޖަވާބުދޭނެއެވެ. ކޯޑުކުރުމަށް ބޭނުންކުރާ ކޮމްޕިއުޓަރ ބަހެއްކަމަށްވާ ޕައިތަން ބޭނުންކޮށްގެން ހަދާފައިވާ މި އެޕުން ޖަވާބު ދިނުމަށް ބޭނުންކުރާ އަޑެއްގެ ގޮތުގައި ތަމީމް ބޭނުންކުރީ ގޫގުލްގެ "ގޫގުލް ޓެކްސްޓް-ޓު-ސްޕީޗް" އޭޕީއައިއެވެ.

އަމިއްލައަށް އޭއައިއެއް ފަރުމާކުރުމަށްފަހު މި އެޕްލިކޭޝަން އުފައްދާފައިވަނީ ބުރަ އަދި އުނދަގޫ މަސައްކަތްތަކަކާއެކުކަމަށް ތަމީމް ބުންޏެވެ. ބުރަ މަސައްކަތްތަކާއެކު ތަމީމް އުފެއްދި މި އޭއައި ވޮއިސް އެޕްލިކޭޝަން ވެފައިވަނީ ޢަރަބިއްޔާގެ ސައިންސް ފެއަރގައި އެންމެ ގިނަ މާކްސް ލިބުނު ޕްރޮޖެކްޓަށެވެ. އަދި އޭނާގެ ހައުސްއަށް އެއް ވަނަ ލިބުމުގެ އިތުރުން ތަމީމްގެ އެޕަށް މޯސްޓް އިނޮވޭޓިވް ޕްރޮޖެކްޓްގެ ލަގަބުވެސް ލިބުނެވެ.

ތަމީމްގެ އެޕްލިކޭޝަންގެ ކުރިމަގު:

ތަމީމް ބުނާ ގޮތުގައި މުސާޢަދާ އެޕްލިކޭޝަން އޮތީ އަދިވެސް ވަރަށް ޅަފަތުގައެވެ. މިއެޕް އިތުރަށް ތަރައްޤީކުރަން ތަމީމް ބޭނުންވެއެވެ.

"އަޅުގަނޑު މި ބަލަނީ ސްކޫލްގެ އިސްވެރިންނާ ވާހަކަދައްކައިގެން އިދާރާއަށް ޕްރޮޕޯސަލެއް ލިޔެގެން އޭއައި ހުރިހާ ކުދިންނަށް އެކްސެސްވާ ގޮތަށް ހަދަން. އަދި މުގައްރަރުގެ މަޢުލޫމާތު ހިމެނޭ ހުރިހާ ފޮތެއްގެ މަޢުލޫމާތު އޭއައިއަށް ދަސްކޮށްދޭނަން. އަދި ޖަވާބުދޭއިރު އަމިއްލަ އަޑެއް އޭއައިއަށް ދިނުމަށްވެސް ވިސްނުން އެބަހުރި." ތަމީމް ބުންޏެވެ.

ތަމީމް ބުނީ އުންމީދަކީ މިހާރު ތަރައްޤީކުރަމުންދާ އެޕްލިކޭޝަނަކީ ޢަރަބިއްޔާ ސްކޫލްގެ ހުރިހާ ދަރިވަރުންނަށްވެސް ފައިދާކުރާނެ ފިލާވަޅު ދަސްކުރުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ އުފެއްދުމަކަށްވުން ކަމަށެވެ.

ތަމީމް މުސްތަޤުބަލަށްކުރާ އުންމީދު:

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކުރިމަގަށްވެސް ތަމީމް އަލިއަޅުވާލިއެވެ. ތަމީމް ބުނީ އޭލެވެލް ނިންމުމަށްފަހު ކުރިއަށް ދާން ބޭނުންވަނީ ސޮފްޓްވެއަރ އިންޖިނިއަރިންގެ ދާއިރާއިން ކަމަށެވެ. ޚާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް ތަރައްޤީކުރުމަށް ވިސްނުންހުރިކަން ތަމީމް ފާހަގަކުރިއެވެ.

"ސޮފްޓްވެއަރ އިންޖިނިއަރިންގެ ދާއިރާއިން. މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަށްވެސް ޝައުގުހުރޭ. ވިސްނުން ހުރީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ކުރިއަށްދާން. ސްކޫލް ނިންމާފައި ވިސްނުންހުރީ އިތުރަށް ކިޔަވަން ދާން." ތަމީމް ބުންޏެވެ.

ތަމީމަށް ލިބޭ ހުސް ވަގުތުތަކުގައި އޭނާ ދަނީ މުސާޢަދާ އެޕްލިކޭޝަން އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ކުރަމުންނެވެ. ކޯޑިންއާއި ސޮފްޓްވެއަރ ޑިވެލޮޕްމެންޓްގެ ދާއިރާއިން އަބަދުވެސް އައު ކަންކަން ދަސްވާކަން ތަމީމް ފާހަގަކުރެއެވެ. މިތަކެތި ދަސްކުރުމުގައި ތަމީމްގެ އެހީތެރިޔަކީ ޔޫޓިޔުބުގައި ހުންނަ ޓިޔުޓޯރިއަލްސްތަކާއި ކޯޑިންގެ މަޢުލޫމާތު ހިމެނޭ ވެބްސައިޓުތަކެވެ. ތަމީމް ޤަބޫލުކުރާ ގޮތުގައި ޝައުޤާއި ގަދަ ޢަޒުމަކާއެކު ކޯޑިން ދަސްކޮށް އެ ހުނަރު ކުރިއެރުވުމަކީ ކޮންމެ ކުއްޖަކަށްވެސް ކުރެވިދާނެ ކަމެކެވެ.

ބަވަނަވަމުން އަންނަ މި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ އެއް ދާއިރާއަކީ ޓެކްނޮލޮޖީގެ ދާއިރާއެވެ. އިންސާނުންކުރާ ކަންކަން ފަސޭހަކޮށްދިނުމުގައި ތަފާތު ޓެކްނޮލޮޖީތައް މުހިންމު ދައުރެއް އަދާކުރެއެވެ. އާޓިފިޝަލް އިންޓެލިޖެންސްފަދަ ޓެކްނޮލޮޖީގެ ބާވަތްތަކަކީ އިންސާނުންގެ ކަންކަން ފަސޭހަކޮށްދިނުމުގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ އުފެއްދުންތަކެވެ. ކުރިއަރަމުން އަންނަ މި ދުނިޔޭގައި ފައިތިލަ ސާބިތުކުރަން ބޭނުންނަމަ އަޅުގަނޑުމެން ދިވެހިންގެ ތެރެއިންވެސް ޓެކްނޮލޮޖީއަށް އަހުލުވެރި، ތަމީމްފަދަ މި ދާއިރާގައި މަސައްކަތްކުރާ ދިވެހި ދަރިން އުފެދުމަކީ މުހިންމު ކަމެކެވެ.