ޚަބަރު

ތަޖުރިބާކާރު ކޯޗިން ޓީމަކާއެކު މައި ސްޕޯޓްސް އެކަޑަމީ ލޯންޗުކޮށްފި


ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރު ކޯޗިން ސްޓާފުންގެ ބައިވެރިވުމާއެކު، މައި ސްޕޯޓްސް އެކަޑަމީގެ ނަމުގައި އެކަޑަމީއެއް ލޯންޗުކޮށްފިއެވެ.

ސޮލައިޓް ރެސްޓޯރަންޓުގައި މިކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ގެ ރައީސް މުޙައްމަދު ލަތީފް ގެ އިތުރުން ވޮލީގެ ލެޖެންޑް ސައްޔިދު އަލީ އެވެ.

މީގެއިތުރުން ކުރީގެ މަޝްހޫރު ވޮލީބޯލް ބައެއް ކުޅުންތެރިންނާއި އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި އެކަޑަމީގައި ހިމެނެނީ މައިގަނޑު ތިން ޕްރޮގްރާމެކެވެ. އެއީ ގްރޭޑު 1-5 އާއި ހަމަޔަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިނީ ވޮލީބޯލް ޕްރޮގްރާމް ، ގްރޭޑް 6-10 އާއި ހަމަޔަށް ކުރިޔަށްގެންދާ ޖޫނިއާ ވޮލީބޯލް ޕްރޮގްރާމުގެ އިތުރުން ގްރޭޑް 11-12 އަށް ކުރިޔަށްގެންދާ ޔޫތު ވޮލީބޯލް ޕްރޮގްރާމެވެ.

އެކަޑަމީގެ އެންމެ އިސް ކޯޗުންގެ ތެރޭގައި ގައުމީ ކޯޗު މުހައްމަދު ޝަރަފް ހިމެނެއެވެ. ޝަރަފް އަކީ މި އެކަޑަމީގެ ޓެކްނިކަލް ޑިރެކްޓަރެވެ. ޝަރަފްގެ އިތުރުން މި އެކަޑަމީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ލަންކާގެ ގައުމީ ފިރިހެން ޓީމުގެ ހެޑު ކޯޗު ޗަންނަ ޖަޔަސެކަރަ އެވެ. މި ދެ ކޯޗުންނަކީ ވެސް އެފްއައިވީބީ ލެވެލް ތިނެއްގެ ކޯޗުންނެވެ.

ޓެކްނިކަލް ޓީމުގައި ދެން ހިމެނެނީ ސްޕޯޓިން ޑިރެކްޓަރ އަބްދު ﷲ ރަޝީދު އާއި ކޯޗު ލަންކާގެ ރަޖާނީ އެވެ.

މި އެކަޑަމީން މުސްތަގްބަލުގައި ރާވަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ސަރަހައްދީ ޓްރެއިނިން ޕްރޮގްރާމުތަައް ހިންގުމާއި، ސަރަހައްދީ ފެންވަރުގެ ކޯޗިން ކްލިނިކުތައް ބޭއްވުން ހިމެނެއެވެ. މީގެއިތުރުން މުބާރާތްތަކުގައި ވާދަކުރުމާއި ބައިނަލްއަގްވާމީ ތަޖުރިބާ ދިނުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި އެކަޑަމީގެ ރަސްމީ ލޯގޯ ލޯންޗުކޮށް ކިޓު ހަވާލުކޮށްފައިވެއެވެ.