ޚަބަރު

ބަންދުގައި މިވަގުތު ތިބީ ދޫކޮށްލައިފިނަމަ މުޖުތަމަޢުއަށް ނުރައްކާވާނެ ބޮޑެތި ކުށްވެރިން: ސީޕީ


  • ބަންދުން ދޫކޮށްލައިފިނަމަ ޝަރީޢަތަށް ނުފޫޒް ފޯރުވުމުގެ ފުރުޞަތު އޮވޭ

  • މުޖުތަމަޢުއަށް ދޫކުރެވޭނެ ހަމައެކަނި ގޮތަކީ މޮނިޓަރ ކުރެވޭނެ ނިޒާމަކާއެކު

ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ގިނަމީހުންނަކީ ބޮޑެތި ކުށްކުށަށް އަރައިގަނެފައިވާ މީހުން ކަމަށާއި އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލައިފިނަމަ މުޖުތަމަޢު ނުރައްކަލަށް ހުށައެޅޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ. ކޮމިިޝަނަރ މިހެން ވިދާޅުވީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކޮށްގެން ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ބޭއްވި "ބަންދު ފޯރަމް"ގެ ތެރެއިން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.

"ބަންދު ފޯރަމް" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ބޮޑެތި ކުށްކުށަށް އަރައިގަނެފައިވާ މީހުން ބަންދުގައި ބައިތިއްބަންޖެހެނީ އެ މީހުން ދޫކޮށްލައިފިނަމަ މުޖުތަމަޢަށާއި ޝަރީޢަތަށް ގެއްލުންތަކެއް ވާނެތީކަމަށެވެ. މީގެ ކުރިންވެސް އެފަދަ ބަންދުގައި ތިބި މީހުން ދޫކޮށްލާފައިވާކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ އޭގެ ނޭދެވޭ އަސަރު ޝަރީޢަތަށާއި މުޖުތަމަޢަށްކޮށްފައި އެބަހުރިކަމަށެވެ. ބަންދުގައި ތިބޭ މީހުން ޝަރީޢަތް ނިމެންދެން ދޫކުރެވޭނީ އެމީހުން މޮނިޓަރކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށްފަހު ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

"ޤާނޫނުތަކަށް ބަދަލު ގެނެސްގެން ޓެގް އެޅުވިގެން މޮނިޓަރކުރެވިދާނެ. ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މޮނިޓަރކުރެވޭނެ ނިޒާމެއް ނެތި ހައްޔަރުކުރުމުގެ މަޤުޞައްދު ހާސިލެއް ނުވާނެ. މިވަގުތު ބަޔަކު ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން." ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރ ވިދާޅުވީ ވަރަށް ބޮޑެތި ކުށްކުށަށް އަރައިގަނެފައިވާ މީހުން މިވަގުތު ބަންދުގައި އެބަތިބި ކަމަށެވެ. އެގޮތުން ބައެއް މީހުން ކޮށްފައިވާ ކުށްތަކުގެ މަޢުލޫމާތު ސީޕީ ޙިއްސާކުރެއްވިއެވެ.

"ރިމާންޑްގައި މިތިބީ މަސްތުވާތަކެތީގައި މައްސަލަތަކުގައި ތިބި މީހުން. ޖިންސީގޯނާގެ ތުހުމަތުގައި ބަންދުކުރެވިފައި ތިބި މީހުން. އެ ތުހުމަތު ކުރެވޭ ފަރާތްތައް ދޫވުމުކީ ޝަރީޢަތައް ނުފޫޒުތައް ފޯރުވިދާނެ ކަމެއް. ވިކްޓިމްސްއަށް އޮތް ނުރައްކަލެއް." ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.

ފުލުހުން އަބަދުވެސް ބަލަނީ ވީހާވެސް އަވަހަކަށް ތަޙުޤީޤު ނިންމާ މައްސަލައާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭތޯ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.