އިނގިރޭސި ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް ލިވަޕޫލް ރޭ ބޯނެމައުތު އަތުން 2-0އިން މޮޅުވިއިރު މިއީ ވަރަށް ނާޒުކު ޓެސްޓަކުން ހޯދުނު ބޮޑު މޮޅެއް ކަމަށް ކޯޗު އާނޭ ސްލޮޓް ސިފަކޮށްފި އެވެ.
މިސުރުގެ ފޯވަޑް މުހައްމަދު ސަލާހްގެ ދެ ގޯލުން ބޯނެމައުތުން އަތުން މޮޅުވި މެޗަށް ފަހު ކޯޗު ބުނީ މި މެޗަށް ނުކުތްއިރު މެޗުގެ މުހިންމުކަން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވިސްނައިދޭން ޖެހުނު ކަމަށެވެ. ސަބަބެއް ކަމަށް ކޯޗު ބުނީ ޕްރެމިއާ ލީގުގެ ރޭހުގެ އެންމެ ގަދަ ފަސް ޓީމުން ވެސް ބޯނެމައުތާ ކުޅެގެން މޮޅުވެފައި ނެތުން ކަމަށެވެ.
ނަމަވެސް މި މެޗުން މޮޅުވުމުން ލިވަޕޫލް މި ވަގުތު އޮތީ 56 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. ބޯނެމައުތު އޮތީ 40 ޕޮއިންޓާއެކު ހަތް ވަނާގަ އެވެ.
"ވަރަށް މަދު ބަޔަކު އެމީހުން އަތުން ސަލާމަތްވީ. ވަރަށް ގިނަ މޮޅެތި ޓީމުތައް އެމީހުންގެ އަތްދަށުވެގެން ނިމިފައި ވަނީ. އެމީހުންނާ ދެކޮޅަށް ވަރަށް ގިނަ ފަހަރު އިދިކޮޅު ޓީމަށް ނަސީބު އެހީތެރިނުވެ ދަނީ. އެމީހުންނަކީ ވެސް މޮޅު ޓީމެއް. މިހެންވެ މެޗުގެ މުހިންމުކަން ވަރަށް ބޮޑަށް ވިސްނައިދެން ޖެހުނު. އަހަރުމެންގެ ކުޅުންތެރިން މި މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ދެއްކީ ވަރަށް ހިތްވަރުގަދަ ގޮތް ދޫނުކުރާ ފަދަ ކުޅުމެއް. މޮޅުވުމުގެ އަސްލަކީ މި މެޗު އެހާ ސީރިއަސްކޮށް ނެގުން،" ކޯޗު ބުންޏެވެ.
"ފުރުސަތުގެ ބޭނުން ހިފާނަމަ އެބަޖެހޭ މި ފެންވަރުގެ މެޗުތައް މޮޅަށް ކުޅެން. މޮޅުވުމުގެ ރޫހު ދަމަހައްޓައި ނަތީޖާއިން ވެސް އެކަން ދައްކަން. މި މެޗުގައި ކުޅުންތެރިންގެ ފަރާތުން އެކަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ. ހާއްސަކޮށް ސަލާހް މި މެޗުގައި ޓީމަށް ވަރަށް ބޮޑަށް އެހީތެރިވެދީފި،" ކޯޗު ބުންޏެވެ.
މި މެޗުގައި ލިވަޕޫލްގެ ގޯލް ކީޕަރު އަލިސަން ބެކާ ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗަށް ފަހު އޭނާ ބުނީ ޓީމު މޮޅުކޮށްދޭން ކީޕަރު ވެސް ސޭވްތަކެއް ކުރަންޖެހޭ ކަމަށެވެ. ބްރެޒިލްގެ ކީޕަރު އިތުރަށް ވާހަކަ ދައްކަމުން ބުނީ މޮޅުވުމުގެ އެއް ސިއްރަކީ މެޗަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ލިވަޕޫލް ރަނގަޅަށް ތައްޔާރުވުން ކަމަށެވެ.
"މެޗެއް ކާމިޔާބު ކުރުމަށް ބޭނުންވަނީ އެންމެ މީހެއްގެ މަސައްކަތެއްނޫން. މުޅި ޓީމު ވެސް މޮޅަށް ކުޅެންޖެހޭ. އަލިސަން ވަރަށް ރަނގަޅަށް މި މެޗުގައި ކުޅުނު. އަހަރެން ބޭނުންވަނީ ކުޅުންތެރިން މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން އެންމެ ފަހު މިނިޓާ ހަމައަށް ވެސް އެއްވާނެއްގައި ކުޅޭތަން ދެކެން،" ކޯޗު ބުންޏެވެ.