ޚަބަރު

ފުލަމް އަތުން ނިއުކާސަލް ޔުނައިޓެޑް ބަލިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިވެއްޖެ އެވެ.

މި މެޗުން ނިއުކާސަލް ޔުނައިޓެޑް ބަލިވުމާއެކު ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ވަގުތީ ގޮތުން ހޯދުމަށް ނަމަވެސް ލިބުނު ފުރުސަތު އެ ޓީމަށް ވަނީ ގެއްލިފަ އެވެ. ނިއުކާސަލް އަށް 24 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. ފުލަމް އަށް 24 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ 9 ވަނަ ލިބިފަ އެވެ.

ނިއުކާސަލް ޔުނައިޓެޑްގެ ސެއިން ޖޭމްސް ޕާކުގައި ފަންސާސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 37 ވަނަ މިނިޓުގައި ނިއުކާސަލްގެ ޖޭކޮބް މާފީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ފުލަމް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ރައުލް ޖިމިނޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮޑްރިގޯ މުނީޒް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް އިތުރު ލަނޑެއް ޖަހާ މި މެޗުން ފުލަމް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިފަ އެވެ.

މެޗަށްފަހު ފުލަމްގެ ކޯޗު މާކޯ ސިލްވާ ބުނެފައިވަނީ މެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ޓީމުން އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ދެވަނަ ހާފުގައި އޭނާ ބޭނުންވިފަދަ ކުޅުމެއް ދައްކާފައިވާ ކަމަށެވެ. އަދި ފުރަތަމަ ހާފުގައިވެސް އެ ޓީމަށް ކުރިމަތިވި މައްސަލައަކީ އިދިކޮޅު ޓީމުގެ އޭރިޔާ ތެރެއިން ލިބޭ ފުރުސަތުތައް ނިންމާލުން ކަމަށާއި ނަމަވެސް ދެވަނަ ހާފުގައި އެކަންތައް ރަގަޅު ކުރުމުން މެޗު އެ މީހުން ކޮޅަށް ނިމިފައިވާ ކަމަށެވެ.

މި މެޗުން ނިއުކާސަލް ޔުނައިޓެޑް ބަލިވެފައިވާއިރު މިއީ އަހަރެއްގެ ތެރޭގައި އަމިއްލަ ދަނޑުގައި އެ ޓީމު ޖެހިޖެހިގެން ކުޅުނު ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.