ޚަބަރު

ޤުދުރަތީ ކާރިސާތަަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުން މުހިންމު: މެޑަމް ސާޖިދާ


  • ޤުދުރަތީ ކާރިސާތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ދަތިތައް ދިމާވާކަމަށް ވިދާޅުވި

  • ދަނޑުވެރިންނަށް މާކެޓު ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭކަމަށްވެސް ވިދާޅުވި

  • ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

މޫސުމީ ބަދަލުތަކަށާއި ޤުދުރަތީ ކާރިސާތަަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮރ ފުޑް ސެކިއުރިޓީ، އައިއޯއެފްއެސް ގުޅިގެން ކުރިއަށްގެންދާ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތަ އެތެރެކުރަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އެކަމަނާ ވިދާޅުވީ ކޯވިޑު-19ގެ ދުވަސްވަރު ކާބޯތަކެތި ސަޕްލައިކުރުމަށް ދިމާވި ދަތިތަކާއެކު ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށް ރާއްޖޭގައި ދަނޑުހެއްދުމުގެ މުހިންމުކަން ފާހަގަވިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ ދިވެހި ދަނޑުވެރިކަމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން މީރުފެން ފަށަލަ ލޮނުވުމާއި ދުނިޔެ ހޫނުވުންފަދަ ކަންކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ޤުދުރަތީ ކާރިސާތަކުން ދިމާވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތްކުރަންޖެހޭ ކަމަށާއި މިކަންކަމަށް ވިލުންތެރި ދަނޑުވެރި ނިޒާމެއް ޤާއިމްކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައިވަނީ ދަނޑުވެރިންނަށް މާކެޓު ހޯދައިދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރުގައި ވިއްކުމަށް ހުންނަ ދަތިތައް އެކަމަނާ ފާހަގަކުރެއްވިއެވެ.

"ރާއްޖެ މިއޮންނަނީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް. އެހެންވެ، ޑިމާންޑު އޮންނަ މާކެޓުތަކަށް ކާބޯތަކެތީގެ އުފެއްދުންތައް ވާޞިލުކުރުމުގައި އެބަ ދަތިތައް ދިމާވޭ. ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް މާކެޓު ހޯދޭނެ ގޮތްތަކެއް ޤާއިމްކުރަން އެބަ ޖެހޭ." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ، ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށާއި ދަނޑުވެރިކަމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ހާމަވާ ކަމެއްކަމަށެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ރާއްޖެއަށް ދީފައިވާ 21.95 މިލިޔަން ޑޮލަރުގެ އެހީގެ ދަށުން ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިކަން ހޯދުމަށް ކްލައިމެޓް ސްމާޓް އަރބަން ފާމިންގެ ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކޮށް އެ ވަސީލަތްތައް ބޭނުންކުރާނެ ގޮތް ހއ. އަތޮޅާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.