ޚަބަރު

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި 16 ރަށެއްގައި ސިލްސިލާ ދަރުސްތަކެއް


  • މަޢުޟޫތަކުގެ ތެރޭގައި ރަމަޟާން މަހުގެ މާތްކަމާއި ރޯދައިގެ ޙުކުމާއި މާތްކަން ހިމެނޭ

  • ދަރުސްތައް އޮންނާނީ މިމަހުގެ ފުރަތަމަ 3 ހަފްތާގައި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "މަޖާސިލް ރަމަޟާން'ގެ ނަމުގައި ސިލްސިލާ ދަރުސްތަކެއް ބޭވުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ދަރުސްތަކަކީ ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި އެނގެން ޖެހޭ މުހިއްމު މަޢުލޫމާތުތައް ހިމެނޭހެން މަޝްހޫރު ޢިލްމުވެރިޔާ އިބްނު އުތައިމީން ރަޙިމަޙުﷲ ލިޔުއްވާފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުސްތަކެއް ކަމަށެވެ. އަދި މި ދަރުސްތަކުގައި އަލިއަޅުވާލައި މަޢުޟޫތަކުގެ ތެރޭގައި ރަމަޟާން މަހުގެ މާތްކަމާއި އެ މަހުގެ ރޯދައިގެ ޙުކުމާއި ރޯދައިގެ މާތްކަމާއި ރަމަޟާން މަހުގެ ރޭއަޅުކަމުގެ ޙުކުމްތައް ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ތިން ހަފްތާގެ ބުރާސްފައްޗާއި ހުކުރުގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭތަކުގައި މާލެއާއި އަތޮޅުތެރޭގެ 16 ރަށެއްގައެވެ. މި ސިލްސިލާގެ ދަރުސްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވުޒާރާއާއި ކައުންސިލްތަކާ ގުޅިގެންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ދަރުސްތަކުގެ ތާވަލު ވުޒާރާގެ މީސް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ޙިއްސާ ކުރާނެކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.

ރަމަޟާން މަހަކީ އެހެން މައްސަރުތަކަށްވުރެ މާތް ﷲ މަތިވެރިކުރައްވާފައިވާ މާތް މަހެކެވެ. މިމަހު ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިޙްޔާ ފޯރަމްތައް ކޮންމެ އަހަރަކުވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވައެވެ. ކަލަންޑާރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ދިމާވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހާއެވެ.