ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިފެބުރުވަރީ މަހުގެ 2 ވަނަ ދުވަހު، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގްރާ ކޭސްތައް އަތުލައިގަނެފައިވަނީ ކަނޑުމަތިންކަމަށެވެ.
މިއޮޕަރޭޝަނުގައި، ދިއްގަރުފަޅާއި މަހިބަދުއާ ހިސާބުން ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައިފާސްކުރިއިރު 1794 ފުޅި ބަނގުރަލާއި 1680 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މި ތަކެއްޗަކީ ގަވާއިދާ އެއްގޮތަށް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ކަމަށާއި މިތަކެތި ސަފާރީއަށް އަރުވާފައިވަނީ ގަވާއިދާ ޚިލާފަށްކަން ތަހުގީގުން މިހާތަނަށް އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ ތަޙްޤީގުކުރަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.