ޚަބަރު

ލޯނެއްގެ ދަށުން މޮރާޓާ ގަލަޓަސަރާއީ އަށް


އިޓަލީގެ އޭސީ މިލާނުގެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ ލޯނު އެއްބަސްވުމެއްގެ ދަށުން ތުރުކިޔޭގެ ގަލަޓަސަރާއީ އަށް ސޮއިކޮށްފި އެވެ.

އޭސީ މިލާނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަލްވާރޯ މޮރާޓާ ލޯނު އެއްބަސްވުމެއްގެ ދަށުން ގަލަޓަސަރާއީ އަށް ބަދަލުވެފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކަމަށެވެ. އަދި ލޯނު ފީއެއްގެ ގޮތުން ގަލަޓަސަރާއީ އިން 6.14 މިލިއަން އެމެރިކާ ޑޮލަރު އެ ކްލަބަށް ދީފައިވާ ކަމަށެވެ.

މި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މޮރާޓާ އާއިއެކު ދާއިމީ އެއްބަސްވުމެއް ހެދުމުގެ ފުރުސަތުވެސް ގަލަޓަސަރާއީއަށް ވަނީ ދީފަ އެވެ. އެގޮތުން އެފަދަ އެއްބަސްވުމެއް ހަދާނަމަ އެކަން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އޭސީ މިލާނަށް އަންގާ ޓްރާންސްފާ ފީގެ ގޮތުގައި 8 މިލިއަން ޔޫރޯ ދައްކަން ޖެހެއެވެ.

ގަލަޓަސަރާއީ އިން ބުނެފައިވާ ގޮތުގައި މޮރާޓާ އަށް މުސާރައިގެ ގޮތުގައި 3 މިލިއަން ޔޫރޯ ލިބިގެންދާނެ އެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުންދާ އުމުރުން 32 އަހަރުގެ މޮރާޓާ އިޓަލީގެ އޭސީ މިލާނާއި ގުޅިފައިވަނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އިން 13 މިލިއަން ޔޫރޯގެ ފީއަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އޭސީ މިލާނުގައި އެދެވޭ ކުޅުމެއް މޮރާޓާ އަށް ދެއްކިފައިނުވާއިރު އޭނާ އެ ކްލަބަށް ކުޅެދިން 16 މެޗުގައި ޖެހިފައިވަނީ އެންމެ 5 ލަނޑެވެ. މޮރާޓާ ވަނީ މީގެ ކުރިން ސްޕެއިން ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑްގެ އިތުރުން އިނގިރޭސިވިލާތުގެ ޗެލްސީ އާއި އިޓަލީގެ ޔުވެންޓަސް އަށް ވެސް ކުޅެފަ އެވެ.

2014 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ގައުމީ ޓީމުގައި ހިމެނޭ މޮރާޓާ ވަނީ ގައުމީ ޓީމަށް ކުޅެދިން 84 މެޗުގައި 37 ލަނޑު ޖަހާފަ އެވެ.