އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގުގެ ވެސްޓް ޒޯނުގައި ރޭ އިރާނުގެ ޕްރެސެޕޮލިސް އާއި ދެކޮޅަށް ސައުދި އަރަބިއްޔާގެ އަލް ހިލާލް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން އަލް ހިލާލް މޮޅުވެ ތާވަލުގެ އެއްވަނަ މަގާމް ހޯދައިފި އެވެ.
މި މެޗުން މޮޅުވުމާއެކު އަލް ހިލާލް އަށް ވަނީ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު 7 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު އަލުން ލިބިފަ އެވެ. ދެވަނައިގައި އޮތް އަލް އަހްލީ އަށްވެސް 19 ޕޮއިންޓް ލިބިފައިވާއިރު އަލް ހިލާލް އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި މެޗުން ޕެރްސެޕޮލިސް ބަލިވުމާއިއެކު އެ ޓީމު ވަނީ ތާވަލުގެ 9 ވަނައަށް ވެއްޓިފަ އެވެ.
އިރާނު ލީގުގެ އެންމެ ފަހުގެ ދެ މުބާރާތުގެ ވެސް ޗެމްޕިއަން ޕެރްސެޕޮލިސް އަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ބޭނުންނަމަ އެ ޓީމަށް ޖެހޭނީ ފުރަތަމަ ބުރުގެ ފަހު މެޗުން މޮޅުވާށެވެ.
ސައުދި އަރަބިއްޔާގެ ރިޔާދުގައި ރޭ ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި އަލް ހިލާލުގެ ބްރެޒިލް ފޯވަޑް މެލްކޮމް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 15 މިނިޓު ފަހުން ޖޮއާއޯ ކެންސެލޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި އަލް ހިލާލް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 38 ވަނަ މިނިޓުގައި ސާލިމް އަލް ދޮސާރީ ކާމިޔާބުކޮށްދީފައިވާއިރު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.
ޕެރްސެޕޮލިސް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދީފައިވަނީ ޖިއޯޖީ ގްވެލެސިއާނީ އެވެ.
މި މުބަރާތުގެ ފޯމެޓް ބަދަލުކޮށްގެން މި އަހަރު އަލަށް ކުޅޭއިރު ފުރަތަމަ ބުރުގައި ލީގު އުސޫލުން ކޮންމެ ޓީމެއް އަށް މެޗު ކުޅުމަށްފަހު ވެސްޓް ޒޯނާއި އީސްޓު ޒޯނުން ގަދަ 8 އަށްދާ ޓީމުތަކަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ލިބިގެންދާނެ އެވެ.