ސްޕެއިންގެ ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުގައި ރޭ ގެޓާފޭ އާއި ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެތުލެޓިކޯ މެޑްރިޑް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
އެތުލެޓިކޯ މެޑްރިޑްގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ އަށްވަނަ މިނެޓުގައި ޖުލިއާނޯ ސިމިއޯނީ ވަނީ ލަނޑެއް ޖަހާ އެޓީމަށް ކުރިހޯދަދީފައެވެ.
އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީގެ ދަރި ޖޮއިލިއާނޯ ވަނީ އޭގެ ނުވަ މިނިޓު ފަހުން އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އެތުލެޓިކޯ މެޑްރިޑުން މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައިވާ މި މެޗުގައި އެޓީމަށް ވަނީ ގިނަ ލަނޑުތަކެއް ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން 2-0 ގެ ލީޑެއް ލިބުނުތާ ގިނައިރުތަކެއް ނުވަނީސް ޖޫލިއަން އަލްވަރޭޒް އާއި އެންޓޮއިން ގްރީޒްމަންއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
އެތުލެޓިކޯ މެޑްރިޑުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެމުއެލް ލިނޯ އެވެ.
މެޗުގެ ދެވަނަ ހާފުގައި އެތުލެޓިކޯ މެޑްރިޑުން ޖެހި ދެ ލަނޑު މެޗުގެ 78 ވަނަ މިނިޓާއި 86 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންގެލް ކޯރިއާ އާއި އެލެކްޒެންޑަރ ސޮލޮތު އެވެ.
މި މެޗުގައި ދެ ލަނޑު ޖަހާ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސިމިއޯނީ މެޗަށްފަހު ބުނެފައިވަނީ މި މެޗުގައި ދެއްކުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި، އަދިވެސް އޭނާ ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ގަބޫލުކުރާ ކަމަށެވެ.