ޚަބަރު

އަނަންތަރާ ކިހާވައް ރިސޯޓުގެ އޯޕަން 4 ވަނަ ޤުރުއާން މުބާރާތް


ބ.އަތޮޅުގައި އޮންނަ އަނަންތަރާ ކިހާވައް ރިސޯޓަކީ، އެރިސޯޓްގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެކި ޙަރަކާތްތައް ހިންގަމުން އަންނަ ރަށެކެވެ. މީގެތެރެއިން ފާހަގަކުރެވޭ އެއްކަމަކީ ކޮންމެ އަހަރަކުވެސް ރަމަޟާންމަހުގެ ތެރޭގައި ރިސޯޓްގައި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމެވެ. މި މުބާރާތް ބާއްވަން އެ ރިސޯޓުން ފަށާފައިވަނީ މީގެ 4 އަހަރު ކުރިންނެވެ.

މި ރަމަޟާމަހުގެ ކުރިން މި މުބާރާތް ބޭއްވި 3 ރަމަޟާންމަހުވެސް މުބާރާތް ބޭއްވީ އެ ރިސޯޓްގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް އެކަނި ބައިވެރިވެވޭގޮތަށެވެ. އެހެންނަމަވެސް މުބާރާތް ބާއްވާ އުޞޫލަށް މިއަހަރު ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެއީ މުވައްޒަފުން މުބާރާތުގައި ވާދަކުރުމުގެ ބަދަލުގައި މުވައްޒަފުންގެ ޢާއިލާތަކުގެ މެންބަރުން ހިމެނޭ، އަތޮޅުގެ ރަށްރަށުގެ ޢާންމުންނަށް މުބާރާތް ޚާއްޞަކުރުމެވެ. މިގޮތުން ކޮންމ އަހަރަކު އަތޮޅުގެ 2 ރަށެއްގެ މީހުންނަށް ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިފަހަރު އަނަންތަރާ ކިހާވަށް ރިސޯޓްގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނީ، އެރިސޯޓްގެ އެންމެ ގިނަ މުވައްޒަފުން ނިސްބަތްވާ 2 ރަށްކަމަށްވާ، ކެންދުއާއި ކުޑަރިކިއްޔަށެވެ.

މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނީ ޖުމަލް 10 މީހުންނަށެވެ. އެއީ ކޮންމެ ރަށަކަށް 5 ފުރުޞަތު ލިބޭގޮތަށެވެ. ރަށްރަށުން މީހުން ކަނޑައެޅުމުގެ ފުރުޞަތު ދިނީ އޮޑިޝަނެއް ބާއްވައިގެން ބައިވެރިން ހޮވާގޮތަށް އެރަށްރަށަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މުމުބާރާތް ކުރިޔަށް ގެންދިޔައީ، ޤުރުއާން ކިޔެވުމާއި ދީނީ ސުވާލުތައް ހިމެނޭގޮތަށެވެ. މުބާރާތް އިންސާފުކުރެއްވީ އެކަމަށް ގެންދެވި ރާއްޖޭގެ ޤާބިލް ފަނޑިޔާރުންނެވެ.

މުބާރާތް ނިމާއެކު ބުރާސްފަތި ދުވަހުގެރޭ ވަނީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދީފައެވެ. މި މުބާރާތުން އެއްވަނަ ހޯދީ ކެންދޫ އަޙްމަދު ސާމީއެވެ. އޭނާއާ އިނާމް ޙަވާލުކޮށްދެއްވީ ޓީވީއެމުން ބާއްވާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީ ޤުރުއާން މުބާރާތުގެ ފުރަތަމަ އަހަރުގެ ރަނަރަޕް ޝަމީމް ފައިސަލް އަޙްމަދެވެ. މި މުބާރާތުގެ އެއްވަނައަށް ބެންގްކޮކް ދަތުރުރެއްގެ އިތުރުން 500 ޑޮލަރު ދީފައިވެއެވެ. މުބާރާތުގެ ދެވަނަ އަދި ތިންވަނަ އަށްވެސް ވަނީ އަގުހުރި އިނާމްތަކެއް ދީފައެވެ. މުބާރާތުން ދެވަނަ ހޯދީ ކުޑަރިކިލު ޢަލީ ޝަހީދެވެ. އަދި ތިންވަނަ ހޯދާފައިވަނީ ކެންދޫ ނާފިޒާ އަބްދުއް ރަހީމްއެވެ.

މުބާރާތުން އެއްވަނަ ހޯދި މުޙައްމަދު ސާމީ ބުނީ ރިސޯޓަކުން މިފަދަ މުބާރާތެއް އިންތިޒާމްކޮށްގެން ބޭއްވުމަކީ އެހެން ރިސޯޓްތަކުންވެސް އަނަންތަރާ ކިހާވަށް ރިސޯޓް ނަމޫނާއަކަށް ބަލަންޖެހޭ ކަމެއް ކަމުގައެވެ.

މިއަންނަ އަހަރު މި މުބާރާތުން ފުރުޞަތުދިނުމަށް ހަމަޖެހިފައިވަނީ ކަމަދޫ އަދި ކިހާދުއަށް ހުޅުވާލައިގެންކަމަށް ކިހާވަށް ރިސޯޓުން މަޢުލޫމާތުދެއެވެ. އެ ރިސޯޓްގެ ހިއުމަން ރިސޯސަސް ކޯޑިނޭޓަރ އިސްމާޢީލް ޝަހީމް ވިދާޅުވީ، އެރިސޯޓުން މަސައްކަތްކުތަނީ މި މުބާރާތް ވީހާވެސް ފުޅާކުރަން ކަމަށެވެ. މިގޮތުން އަންނަ އަހަރު މިއަހަރު ބޭއްވި މުބާރާތައް އިތުރަށް ފުޅާކުރަން މަސައްކަތް ކުރާނެކަމަށެވެ.

މިބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނައިގެ އިތުރުން މުބާރާތުގެ ގަދަފަހަކަށް ހޮވުނު ބައިވެރިންނަށްވެސް ވަނީ އިނާމް ދީފައެވެ. އަނަންތަރާ ކިހާވަށް ރިސޯޓުން ބ.  އަތޮޅުގެ ރައްރަށުގައި އިޖްތިމާޢީ ޙަރަކާތްތައް ހިންގާ އަދި މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް އެރިސޯޓުން ބުނެއެވެ.