ޚަބަރު

ލެގަނޭސް ބަލިކޮށް ރެއާލް މެޑްރިޑް ސެމީއަށް


ސްޕެނިޝް ކަޕުގެ ކުއާޓަރ ފައިނަލުގައި ރޭ ލެގަނޭސް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ގޮންޒާލޯ ގާސިއާ ކާމިޔާބު ކޮށްދިން ލަނޑާއެކު 3-2 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބޮޑަށް ބޭނުންކޮށްފައިވަނީ ބަދަލު ކުޅުންތެރިންނެވެ. އެގޮތުން އަރާމު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކިލިއަން އެމްބާޕޭ މި މެޗުގެ ސްކޮޑުގައި ހިމަނާފައި ނުވާއިރު ވިނިޝިއަސް ޖޫނިއަރ ކުޅެން އަރުވާފައިވަނީ މެޗުގެ ދެވަނަ ހާފުގަ އެވެ.

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުގެ 18 ވަނަ މިނިޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އުމުރުން 39 އަހަރުގެ ލޫކާ މޮޑްރިޗް އެވެ.

އަދި މެޗުގެ 25 ވަނަ މިނިޓުގައި އެންޑްރިކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ނަމަވެސް މެޗުގެ 39 ވަނަ މިނިޓުގައި ލެގަނޭސް އަށް ލިބުނު ޕެނަލްޓީ އަކުން ހުއާން ކްރޫޒް ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދުތައް އައު ކޮށްދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ހުއާން ކްރޫޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ނަތީޖާ އެއްވަރުވުމާއިއެކު ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މެޗުގެ 82 ވަނަ މިނިޓުގައި ފޯވަޑް އެންޑްރިކް އާއި ފަރލޭންޑް މެންޑީގެ ބަދަލުގައި ގޮންޒާލޯ ގާސިއާ އާއި ފްރޭން ގާސިއާ ވަނީ ކުޅެން އަރުވާފަ އެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 20 އަހަރުގެ ގޮންޒާލޯ ގާސިއާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަރިމަތިން ބްރާހިމް ޑިއާޒް ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިއީ ގޮންޒާލޯ ގާސިއާ މި ސީޒަނުގައި ރެއާލް މެޑްރިޑުގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ވަނީ މި ސީޒަނުގައި ރެއާލް މެޑްރިޑްގެ ބީ ޓީމަށް ކުޅުނު 21 މެޗުގައި 19 ލަނޑު ޖަހާފަ އެވެ.