ޤާނޫނުއަސާސީއަށް މުހިންމު އިސްލާޙުތަކެއް ގެންނެވުމަށް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވޭތުވެދިޔަ 1 އަހަރު ދުވަހު މަޖިލީހަށް ހުށައެޅުނު މުހިންމު ބިލުތަކާއި މިއަހަރު ހުށައެޅޭނެ މުހިންމު ބައެއް ބިލުތައް ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު ޤައުމުގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން 35 ބިލު ހުށައަޅާފައިވާކަމާއި އޭގެ ތެރެއިން 30 ބިލު މަޖިލީހުން ފާސްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"(ފާސްކުރި ބިލުތަކުގެ ތެރޭގައި) އޭގެތެރޭގައި 21 ޤާނޫނަކަށް އިސްލާހު ގެނައުމުގެ ބިލަކާ މުޅިން އާ 8 ބިލެއް އަދި ޤާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނައުމުގެ 1 ބިލު ހިމެނޭ." ރައީސް ވިސާޅުވިއެވެ.
މިއަހަރު މަޖިލީހަށް ހުށައެޅުމަށް ޤަސްތުކުރައްވާ ބިލުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާޙުކުރުމަށް ޤާނޫނުއަސާސީއަށް އިސްލާޙުތަކެއް ގެނައުމަށް ޤަސްތުކުރާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާގޮތް އިސްލާހުކުރުމަށްވެސް ބިލެއް ހުށައަޅުއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއްވެސް މިއަހަރު ހުށައެޅޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
"ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާންޖެހޭ ކަންކަމުގައި އެވޯޓު ނެގޭނެ ގޮތުގެ ޤާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތުގެ މުހިންމު ބައެއް ކަމަށްވާތީ، މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ގަސްދުކުރަން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށްޓަކައި މުޅިން އަލަށް އެކުލަވާލެވޭ ބިމުގެ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންޓި ކޮރަޕްޝަންގެ ޤާނޫނަށާއި ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް މިއަހަރުގެ ތެރޭގައި ހުށައަޅުއްވާނެކަންވެސް ރައީސް އިޢުލާންކުރެއްވިއެވެ.
އެކި ފަރާތްތަކުން ނުއަގުގައި ހޯދާފައިވާ ދައުލަތުގެ އެސެޓްތަކުގެ ހަމައަގު ހޯދައި، ޤާނޫނާ ޚިލާފަށް އެކިފަރާތްތަކުން ހޯދާފައިވާ ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދުމަށްޓަކައި އެސެޓް ރިކަވަރީއާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި އެ ބިލުވެސް މިއަހަރު ހުށައެޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
• މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ބިލު
• ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ބިލެއް
• ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭންއާ ބެހޭ ޚާއްޞަ ޤާނޫނެއް ވުޖޫދުކުރުމަށް ބިލެއް
• ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމަށް ބިލުތަކެއް
ގިނަ އަދަދެއްގެ ބިލުތަކެއް މިއަހަރު ހުށައެޅުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރުވެސް އެކި ދާއިރާތަކުގެ ކުރިއެރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް މުހިންމު އިސްލާޙުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.