މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުމުގެ މުނަބާސަބާ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ މީޑިއާ ކަވަރޭޖް ކުރިއަށް ގެންދިއުމަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް އާއި ތަޢުލީމީ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު މުހައްމަދުއެވެ. ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ.
މިއެއްބަސްވުމާއި ގުޅޭގޮތުން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުޙައްމަދު ވިދާޅުވީ މަޖީދިއްޔާ ސްކޫލާ، ޕީއެސްއެމް އަދި ތައުލީމީ ވުޒާރާއާ ގުޅިގެން މަޖީދިއްޔާއަށް 100 އަހަރު ފުރުމާ ގުޅިގެން ޚާއްސަ ޕްރޮގްރާމްތަކެއް ތައްުޔާރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 100 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުން ހުރި ހަރަކާތްތައް މުޅި އަހަރަށް ދެމިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ. އެ ހަރަކާތްތައް ވިލަރެސްކުރުމުގައި ތަޢުލީމީ ވުޒާރާ، ސްކޫލްގެ ދަރިވަރުން އަދި މުސްކުޅި ދަރިވަރުން ހަރަކާތްތެރިވާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާލުވިއެވެ.
"މި ހަރަކާތްތަކާ ގުޅޭ ގިނަ ކަންތައްތަކުގެ ކަވަރޭޖް މީގެ ތެރޭގައި ހިމެނޭނެ. 100 އަހަރުގެ ކައުންޓް ޑައުންއެއް ފަށާނަން. އެޕްރިލް މަހު މަޖީދިއްޔާ ސްކޫލަށް އަހަރު ފުރެނީ." ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމުގެ އެންމެ އަލި ގަދަ ދަންމަރުކަމަށާއި، އެ ސްކޫލްގެ 100 އަހަރުގެ މާޒީއަކީ ފަޚުރުވެރި މާޒީއެއްކަމަށެވެ.
"މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. މަޖީދިއްޔާ ސްކޫލުގެ 100 އަހަރު ފުރޭ ހަރަކާތްތަކުގައި ބައިވެރިވެވޭކަން އެއީ ވަރަށް ބޮޑު އުފަލެއް." ޕީއެސްއެންގެ އެމްޑީ އަޙްމަދު ޝަކީބު ވިދާޅުވިއެވެ.
މި ރަސްމިޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް އަދި އެ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ މެމްބަރެއް ކަމަށްވާ އިބްރާހިމް އިސްމާއިލް ވިދާޅުވީ، މަޖީދިއްޔާ ސްކޫލަކީ ޤައުމަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދީފައިވާ ތައުލީމީ އިދާރާއެއްކަމަށާއި، މުޢައްސަސާތަކާއި ޤާއުމުގެ އިސް މަޤާމުތަކުގައިއެ ސްކޫލުން ދަސްވެނިވި ގިނަ ދަރިވަރުން ހަރަކާތްތެރިވާކަމަށެވެ.
މަޖީދިއްޔާ ސްކޫލަށް ޤަރުނެއްވާނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. 100 އަހަރު ފުރުން ފާހަގަކުރުމަށް 1000 ދުވަހުގެ ކައުންޓް ޑައުންއެއް ވަނީ ފަށާފައެވެ. ކައުންޓްޑައުންގެ ތެރެއިން ގިނަ ހަރަކާތްތަކެއް މިއަހަރުވެސް ހިނގާފައިވާއިރު، އަންނަ އަހަރާހަމައަށްވެސް ތަފާތު އެކު ހަރަކާތްތަކެއް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.