ޚަބަރު

އިންޓަރ މިލާން ބަލިކޮށް ފިއޮރެންޓީނާ ހަތަރު ވަނައަށް


އިޓާލިއަން ސެރިއާ ގައި ރޭ އިންޓަރ މިލާނާއި ދެކޮޅަށް ފިއޮރެންޓީނާ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން މޮޅުވެ ފިއޮރެންޓީނާ ތާވަލުގެ ހަތަރުވަނަ މަގާމް ހޯދައިފި އެވެ.

މި މެޗުން މޮޅުވުމާއެކު ފިއޮރެންޓީނާ އަށް ވަނީ 23 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އިންޓަރ މިލާނަށް 23 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. މި މެޗުން އިންޓަރ މިލާން މޮޅުވި ނަމަވެސް އެ ޓީމަށް އެއްވަނަ މަގާމު ލިބިގެންދާނެ އެވެ. އެއްވަނައިގައި މި ވަގުތު އޮތް ނަޕޮލީ އަށް 23 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު އިންޓަރ މިލާނާއި ދެމެދު ފައިދާ ގޯލުގެ ބޮޑު ފަރަގެއް އެބައޮތެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗަކީ މިދިޔަ ޑިސެމްބަރ މަހު މި ދެ ޓީމު ކުޅެން ޖެހޭ މެޗެކެވެ. ނަމަވެސް ޑިސެމްބަރ މަހު ކުޅުނު މެޗުގެ 16 ވަނަ މިނިޓުގައި ފިއޮރެންޓީނާގެ އެޑުއާޑޯ ބޯވް ހިތް ހުއްޓި ދަނޑު މައްޗަށް ވެއްޓުމާއި ގުޅިގެން އެ މެޗު ވަނީ ހުއްޓާލާފަ އެވެ.

ބޯވް ހިތް ހުއްޓި އެކަމަށް ފަރުވާ ކުރުމަށްފަހު ރޭގެ މެޗު ކުޅުނުއިރު އޭނާ ފިއޮރެންޓީނާގެ ބެންޗުގައި ހުއްޓެވެ.

ރޭގެ މެޗުގެ ކުޅުން ރެފްރީ ފަށާފައިވަނީ 16 ވަނަ މިނިޓުގައެވެ. އަދި މެޗު ފެށުމާއެކު ދެ ޓީމުން ވަނީ ހަ ކުޅުންތެރިން ބަދަލުކޮށްފަ އެވެ. އެގޮތުން ފިއޮރެންޓީނާ އިން ހަތަރު ބަދަލު ކޮށްފައިވާއިރު އިންޓަރ މިލާނުން ވަނީ 2 ބަދަލު ގެނެސްފަ އެވެ.

މި މެޗުގެ 32 ވަނަ މިނިޓުގައި އިންޓަރ މިލާނުން ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

ފިއޮރެންޓީނާ އިން ވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލޫކާ ރަނިއޭރީ އެވެ.

މި މެޗުގައި ފިއޮރެންޓީނާ އިން ޖެހި އަނެއް ދެ ލަނޑު މެޗުގެ 68 ވަނަ މިނިޓާއި 89 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މޮއިސް ކީން އެވެ.