ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)ގެ ބައެއް މުވައްޒަފުންނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. މި ގޮތުން، އިޤުތިޞާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތަކާއި، ދަތުރުފަތުރު ކުރުމަށް ހުރަސް އެޅުމަށް ޓްރަމްޕް ނިންމަވާފައި ވަނީ އެމެރިކާގެ ރައްޔިތުންނާއި، އެމެރިކާގެ އެކުވެރިންނާ ދެކޮޅަށް އައިސީސީއަށް ހުށަހަޅާފައިވާ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާ ދެކޮޅަށެވެ.
އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ އައިސީސީގެ މުވައްޒަފުންގެ ތެރޭގައި، އެމެރިކާގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބެލެވޭ ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް އައިސީސީއަށް ހުށަހަޅާފައިވާ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭނެއެވެ. ޓްރަމްޕް މި ގޮތަށް އަމަލު ކުރެއްވުމަށް ނިންމަވާފައި ވަނީ، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވޮޝިންގޓަނުގައި ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ. މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތަކުގެ އެންމެ ބޮޑު މަދަދުގާރަކީ، އަދި ބައިވެރިއަކީ އެމެރިކާއެވެ.
ޓްރަމްޕްގެ ސަރުކާރުން އިޤުތިޞާދީ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ދަތުރުފަތުރު ކުރުމަށް ހުރަސް އެޅުމަށް ނިންމާފައިވާ އައިސީސީގެ މުވައްޒަފުންނަކީ ކޮބައިކަން ސާފެއް ނޫނެވެ. ނަމަވެސް، އައިސީސީން ވަނީ ޓްރަމްޕްގެ ނިންމުން ކުށްވެރި ކޮށްފައެވެ. އަދި، ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ އައިސީސީގެ މުވައްޒަފުންނަށް ތާޢީދުކޮށް، އެ މީހުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށް މަސައްކަތް ކުރުމަށް އެ ކޯޓުން ވަނީ އެ ކޯޓުގެ 125 މެންބަރު ޤައުމަށް ގޮވައިލާފައެވެ.
"މި ކޯޓުގެ މުވައްޒަފުންގެ ޙައްޤުތަކަށް ވަކާލާތުކުރުމާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މައުސޫމު އެތަކެއް މިލިޔަން ބަޔަކަށް އިންސާފު ހޯދައިދީ އުންމީދު ގެނަވައިދިނުމުގެ ވަޢުދުގެ މަތީގައި މި ކޯޓުން ދެމި އޮންނާނެ،" ޓްރަމްޕްގެ ނިންމެވުމަށް ފާޑުކިޔައި އައިސީސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އައިސީސީގެ މައި އިދާރާ ހުންނަކީ ނެދަރލެންޑްސްގެ ދަ ހޭގުގައެވެ. ނެދަރލެންޑްސުން ވެސް ވަނީ ޓްރަމްޕްގެ ނިންމެވުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޤައުމުގެ ޚާރިޖީ ވަޒީރު ކަސްޕަރ ފޭލްޑްކަމްޕް ވިދާޅުވީ އަދަބުން ބަރިއްޔަވުމުގެ ފުރުޞަތާ ދެކޮޅަށް އައިސީސީން ކުރަމުން ދަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމުގައެވެ.
ޓްރަމްޕް ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތައިލުމަށް ޤަތުލުޢާންމެއް ހިންގަމުންދާ ކަމަށް ކަނޑައަޅައި، ނަތަންޔާހޫ ހައްޔަރު ކުރުމަށް އައިސީސީން އަމުރު ނެރެފައި ވަނިކޮށެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމު ހިންގުމުގެ ކުށުގައި ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ހައްޔަރު ކުރުމަށް ވެސް އައިސީސީން އޮތީ އަމުރު ނެރެފައެވެ.
ޓްރަމްޕްގެ ނިންމެވުމުގެ ދަށުން އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާނެ އައިސީސީގެ މުވައްޒަފުންގެ ނަންތައް ހާމަކުރާނެ ދުވަހެއް ސާފު ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް އައިސީސީގެ ބައެއް މުވައްޒަފުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ. އޭގެ ތެރޭގައި އައިސީސީގެ ކުރީގެ އިސް ޕްރޮސިކިޔުޓަރެއް ކަމުގައިވާ ފާތޫ ބިންސޫދާއާއި އޭނާގެ ދަށުން މަސައްކަތް ކޮށްފައިވާ މުވައްޒަފުން ހިމެނެއެވެ. އެ މީހުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ، އަފްޣާނިސްތާނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އެމެރިކާގެ އިސްތިޢުމާރީ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް ތަޙުޤީޤު ކުރަމުން ދިޔުމާ ގުޅިގެން، އެ ކަމާ މެދު ނުރުހުން ވެގެންނެވެ.