ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފާ މުއްދަތުގައި އިތުރު ކުޅުންތެރިން ނުހޯދުމަށް ނިންމީ އަމިއްލަ އަށް ރިސްކު ނަގައިގެން ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
އެފްއޭ ކަޕްގައި މިއަދު ލެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމޮރިމް ބުނެފައިވަނީ ޖެނުއަރީ ޓްރާންސްފާ ގައި އެ ޓީމަށް ދެ ކުޅުންތެރިން ގެނައުމަށްފަހު އިތުރު ކުޅުންތެރިން ނުހޯދުމަށް ކްލަބުގައި އެދުނު ކަމަށެވެ. އަދި އެއީ އޭނާ ރިސްކު ނަގަން ބޭނުންވެގެން ނިންމި ނިންމުމެއް ކަމަށްވެސް އަމޮރިމް ވަނީ ބުނެފަ އެވެ.
ޖެނުއަރީ ޓްރާންސްފާ ގައި މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިފައިވާ ދެ ކުޅުންތެރިންނަކީ ޕެޓްރިކް ޑޯގޫ އާއި އައިޑެން ހެވަން އެވެ. އަދި މި ދެ ކުޅުންތެރިން މިއަދު ލެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭނެކަމަށް ގަބޫލުކުރެވެ އެވެ.
ނަމަވެސް ލޯނު އެއްބަސްވުމުގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑްގެ ދެ ފޯވަޑުން ކަމުގައިވާ އެންތޮނީ އާއި މާކަސް ރަޝްފޯޑް އެ ކްލަބު ދޫކޮށްފައިވާއިރު އެ ދެ ކުޅުންތެރިން ނެތްތަން ފޫބައްދާނެ އައު ކުޅުންތެރިއަކު އެ ކްލަބުން ހޯދާފައެއް ނުވެއެވެ.
މީގެ އިތުރުން އަމޮރިމް ވަނީ އެ ޓީމުގެ މާޓިނޭޒް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހޭނެކަމަށްވެސް ބުނެފަ އެވެ. މާޓިނޭޒް އަށް އަނިޔާ ވުމާއިއެކު އެ ކްލަބުގެ އަނިޔާގައި ތިބި މުހިންމު ކުޅުންތެރިންގެ އަދަދު ވަނީ ހަތަރަކަށް އަރާފަ އެވެ. އޭގެ ތެރޭގައި މޭސަން މައުންޓު އާއި ލޫކް ޝޯގެ އިތުރުން ޖޮނީ އިވާންސް ހިމެނެ އެވެ.