ޒުވާނުންނާއި ގުޅުން އޮތް ވޮލީ ފަދަ ކުޅިވަރުތައް ކުޅުމުގައި ކޯޓެއް ނެތުމާއި ގުޅިގެން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އައްޑޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ހިތަދޫ ޔޫތު ސެންޓަރުގައި ޤާއިމުކުރަމުންދާ އިންޑޯ ވޮލީ ކޯޓް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އައްޑޫ ސިޓީ ކައުންސިލުން ބުނީ ވޮލީ ކޯޓުގެ 97 އިންސައްތަ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާ ގުޅިގެން ހިތަދޫ ޔޫތު ސެންޓަރުގެ ގޯތިތެރޭގައި އަޅާ ވޮލީ ކޯޓުގެ ބިން ސާފުކޮށް، ވެލި އަޅާ ލެވެލު ކުރުމުގެ މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ.
އައްޑޫ ސިޓީ ކައުންސިލުގެ އުންމީދަކީ އަންނަ ރޯދަމަހުގެ ކުރިން ވޮލީކޯޓުގެ ބޭނުން ކުޅިވަރު ކުޅޭ ފަރާތްތަކަށް ފަހިކޮށްދިނުމެވެ.
ކައުންސިލްގެ ބަޖެޓުން ކުރިއަށް ގެންދާ މި މަސައްކަތަށް ގާތްގަޑަކަށް 3 ލައްކައެއް ހާ ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
ކައުންސިލުން މި ވޮލީ ކޯޓު ތަރައްޤީކުރަމުންދަނީ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވޮލީ ކުޅުންތެރިންނަށް ޕްރެޓިސް ކުރުން ފަދަ ކަންކަމުން މަހުރޫމުވެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލޭތީ ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް ކައުންސިލުން ބުނެއެވެ.
ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއަރުވަން ކައުންސިލުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރުމުގެ މަޤުސަދަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށްވެފައި ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތްތަނުގައި ހޭންޑް ބޯޅަ ކޯޓެއް ޤާއިމުކުރުމުގެ މަސައްކަތް ޓެންޑަރ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.