ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޒަމާނާއި އެއްގޮތަށް ތަރައްޤީކޮށް ޑިޖިޓައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކްސަބާގެ ރައީސް އޯމް ބިރްލާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވެވި މަޝްވަރާގެ ތެރެއިންނެވެ.
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެކަމަށްވާ ލޮކް ސަބާގެ ރައީސްއާއި ޤާނޫނު ހަދާ މަޖިލީހުގެ މަތިގެކަމަށްވާ ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް ޒިޔާރަތްކުރައްވާފައެވެ. މިޒިޔާރަތުގައި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގޭގައި ޒަމާނާ އެއްގޮތަށް ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރާކަން މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޒަމާނާއި އެއްގޮތަށް ތަރައްޤީކޮށް ޑިޖިޓައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަޖިލީހުގެ ރައީސް ވަނީ ލޮކްސަބާގެ ރައީސްގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. އެކަމާއި ގުޅިގެން ލޮކްސަބާގެ ރައީސް އޯމް ބިރްލާ ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ޑިޖިޓައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މިކަމުގައި މަޖިލިސް މެމްބަރުންނާއި މަޖިލިސް އިދާރާގެ މުވައްޒަފުން ތަމްރީނުކުރުމުގައިވެސް އެހީތެރިކަން ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
Speaker of the People’s Majlis of Maldives appreciated the usage of technology, digitalisation and use of AI by Parliament of India and requested Shri Birla to extend technological support to help Maldives Majlis to digitise its parliamentary resources. Loksabha Speaker assured… pic.twitter.com/kDCUIWdBXs
— Lok Sabha Speaker (@loksabhaspeaker) February 11, 2025
މިބައްދަލުކުރެއްވުމުގައި ލޮކްސަބާގެ ރައީސް އޯމް ބިރްލާ ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖެއަކީ އިންޑިއާއިން ގެންގުޅޭ "ނެއިބަރހޫޑް ފަސްޓް ޕޮލިސީ"އާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ގެންގުޅޭ "ސާގަރް" ޕޮލިސީގައިވެސް މުހިއްމު ބައިވެރިއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަންއާ ބައްދަލުކުރައްވާނެއެވެ. އަދި އިންޑިޔާ ސަރުކާރުގެ ބައެއް އިސްވެރިންނާއިވެސް ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި މަޖިލިސް ރައީސް އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދާއި ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބްގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ބައިވެރިވެވަޑައިގަންނަވައެވެ.