ޚަބަރު

އެއްރަށުން އަނެއްރަށަށް ބަދަލުވާ ދަރިވަރުން ސްކޫލު ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލައިފި


  • ސްކޫލު ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މާރިޗު މަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް

ކުރިއަށް އޮތް ދިރާސީ އަހަރަށް އެއްރަށުން އަނެއްރަށަށް ބަދަލުވާ ދަރިވަރުން ސްކޫލު ބަދަލުކުރުމުގެ ކަންތައް އަވަހަށް ނިންމުމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެވުޒާރާއިން ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މާރިޗުމަހުގެ 6ވަނަ ދުވަހާއި ހަމައަށެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން، އެކަށީގެންވާ ވަގުތު އޮއްވައި ދަރިވަރުން ސްކޫލުތަކަށް ވެއްދުމުގެ މަސައްކަތް އެވުޒާރާއިން ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އަންނަ ދިރާސީ އަހަރަށް ދަރިވަރުން ކިޔަވަމުންދާ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރާނަމަ، އެކަމަށް އެދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިފުރުޞަތު އަންނަ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް އޮންނާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ، ދަރިވަރުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރާނަމަ، އެކަމަށް އެދި "ދަރިވަރު ކިޔަވަމުން އަންނަ ސްކޫލުން، ބަދަލުވާން އެދޭ ސްކޫލަކަށް އެކަމަށް އެދޭ ފޯމު" ހުށައަޅަންޖެހޭނެކަމަށެވެ. އަދި އެފޯމު ހުށައަޅާނީ މިހާރު ކިޔަވަމުންދާ ސްކޫލަކަށްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

2025ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކާއި ފިތުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު ކަމަށްވާތީ، ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅުން ހުރި ހުރިހާ މަސައްކަތެއްމާރިޗު މަހުގެ 15ގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

އަދި މިދުވަސްވަރަކީ ދަރިވަރުންގެ އިމްތިޙާނާއި އެސެސްމެންޓްތައް އަދި ދަރިވަރުންގެ ރިޕޯޓް ފޯމު ތައްޔާރުކުރާ ދުވަސްވަރަށްވުމުން، މި ހިނގާ ދިރާސީ އަހަރުގެ ބާކީ ދުވަސްކޮޅުގެ ތެރޭގައި ދަރިވަރުން އެއްރަށެއްގެ ސްކޫލުން އަނެއް ރަށުގެ ސްކޫލަށް ބަދަލުވުމުގެ ކަންތައްތައް ކުރިއަށް ނުގެންދާގޮތަށް ހަމަޖައްސާ އެކަން ސްކޫލްތަކަށް އަންގާފައިވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.