ގަތަރުގައި މިހާރު ކުރިއަށްދާ ގަތަރު އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އެރީނާ ސަބަލެންކާ އާއި ފްރާންސްގެ ކޮކޯ ގައުފު ކަޓައިފި އެވެ.
ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން ވެސް ބަލިވެފައިވާ ބެލަރޫސްގެ ސަބަލެންކާ މި މުބާރާތުގެ ދެވަނަ ބުރުން ކަޓާފައިވަނީ ރަޝިޔާގެ އެކަޓެރީނާ އެލެކްޒެންޑްރޯވާ އާއި ދެކޮޅަށް ކުޅުނު މެޗުން ދެ ސެޓު އެއް ސެޓުގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ތިނެއް ހައެއްގެ ނަތީޖާއަކުން ސަބަލެންކާ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓު ހައެއް ތިނެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން އެކަޓެރީނާ ވަނީ ކާމިޔާބުކޮށްފަ އެވެ.
މި މުބާރާތުގައި ތިންވަނަ އަށް ސީޑު ކޮށްފައިވާ ކޮކޯ ގައުފު މި މުބާރާތުން ކަޓާފައިވަނީ ދުނިޔޭގެ ރޭންކިންގެ 21 ވަނައިގައި ހުރި ޔުކްރޭނުގެ މާޓާ ކޮސްޓްޔުކް އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.
ޖުމްލަ 73 މިނިޓު ހޭދަވެގެންދިޔަ މި މެޗުން ގައުފު ބަލިވެފައިވަނީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ނިމިފައިވަނީ ހައެއް ދޭއް އަދި ހަތެއް ފަހެއްގެ ނަތީޖާއަކުންނެވެ.
މިދިޔަ މަހު ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން ކޮކޯ ގައުފު ބަލިވެފައިވަނީ ޕައުލާ ބެޑޯސާ އަތުންނެވެ.