ޚަބަރު

ޑެމްބެލޭގެ ދެ ލަނޑާއެކު ޕީއެސްޖީއަށް ފަސޭހަ މޮޅެއް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފް ގައި ރޭ ބްރެސްޓް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކޮށްފި އެވެ.

ފްރެންޗް ލީގުގައި ވާދަކުރާ ދެ ކްލަބުގެ ކުރިމަތިލުމުގައި ރަށުން ބޭރުގައި ޕީއެސްޖީ އިން ކުޅުނު މި މެޗުގައި އެ ޓީމުގެ ފޯވަޑް އުސްމާން ޑެމްބެލޭގެ ފަރާތުންވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

މި މެޗުގައި ޕީއެސްޖީ އިން ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ވިޓީނިއާ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އުސްމާން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ޕީއެސްޖީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި ކާމިޔާބު ކޮށްފައިވަނީ ޑެމްބެލޭ އެވެ.

މި މެޗުގައި ޑެމްބެލޭ ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 11 މެޗުގައި ޖުމްލަ 18 ލަނޑު ޖަހާފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ސްޓުޓްގާޓް އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފަ އެވެ.

ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ދެ މެޗުގައި މިހާތަނަށް ހެޓްރިކް ހަދާފައިވަނީ ދެ ކުޅުންތެރިންނެވެ. އެއީ 2016 ވަނަ އަހަރު ލިއޮނެލް މެސީ އާއި 2017 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ ކުޅުންތެރިންގެ އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑު ކުޅުންތެރިންތަކެއް އެ ޓީމުގައި ތިބުމަކީ އޭނާއަށް ލިބިގެންދާ ހިތްހަމަޖެހުމެއް ކަމަށާއި މިދިޔަ އަހަރުވެސް ޑެމްބެލޭގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި ނަމަވެސް މި އަހަރު އަދި މި ފެންނަނީ އެއަށްވުރެ ރަގަޅަށް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

މި މުބާރާތުގެ ދެވަނަ ލެގު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު ޕީއެސްޖީގެ ދަނޑުގަ އެވެ. ދެވަނަ ބުރުގެ ފުރުސަތު މިހާރު ޕީއެސްޖީ އަށް ބޮޑު ވެފައިވާއިރު އެ މެޗުން މޮޅުވާ ޓީމެއް ދެވަނަ ބުރުގައި ޖެހޭނީ ބާސެލޯނާ ނުވަތަ ލިވަޕޫލް އާއެވެ.