މިދިޔަ އަހަރުގެ ހޫނު މޫސުމަށް ވުރެ މިއަހަރުގެ ހޫނު މޫސުމުގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކޮށް ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ކޮންމެ އަހަރެއްގެ މާރޗް މަހާއި އޭޕްރީލް މަހަކީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. މިއަހަރުގެ ރަމަޟާން މަސް ދިމާވަނީ މާރޗް މަހާއެވެ. ރަމަޟާން މަހަކީ އާންމުކޮށްވެސް ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރު މަހެކެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަސް ހޫނު މޫސުމާއި ދިމާވާތީ ކަރަންޓު ބޭނުން ކުރާ މިންވަރު އެހެން އަހަރުތަކަށް ވުރެ މިއަހަރު ވަރަށް ބޮޑަށް އިތުރު ވާނެކަމަށް ސްޓެލްކޯއިންވަނީ ލަފާކޮށްފައެވެ.
އެހެންކަމުން ކަރަންޓު ބޭނުންކުރުން އިތުރުވާ މިންވަރަށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ސްޓެލްކޯއާއި ފެނަކައިން އަންނަނީ ކުރަމުންނެވެ. ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ އެންމެ ޕީކްގަޑީގައި ކަރަންޓު ބޭނުން ކުރާ މިންވަރު 102 މެގަވޮޓަށް އަރައެވެ. އަދި 2024 ވަނަ އަހަރު އެއަދަދު 113 މެގަވޮޓަށްވަނީ އިތުރުވެފައެވެ. އަދި މިއަހަރުގެ ހޫނު މޫސުމުގައި ކަރަންޓު ބޭނުން ކުރާ މިންވަރު 124 މެގަވޮޓަށް އަރާނެކަމަށް ކަމަށް ސްޓެލްކޯއިން ލާފަކުރެވެ. މިއީ ކުރީއަހަރަށް ވުރެ 11 މެގަވޮޓްގެ އިތުރުވުމެކެވެ.
ސްޓެލްކޯއިން ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ދެވޭކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންއަންނަކަމަށެވެ. އޭގެތެރޭގައި ޖަނެރޭޓަރ ސެޓް ގެނައުމާއި އާންމުން ހޭލުންތެރިކުރުވުން ހިމެނެވެ.
ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް މާލެ ސަރަހައްދަށް އަލަށް 13 ޖަނަރޭޓަރ ސެޓް ގެނައުމަށް ސްޓެލްކޯއިންވަނީ ނިންމާފައެވެ. އޭގެތެރެއިން ބައެއް ޖަނަރޭޓަރސެޓް ވަނީ މާލެ ގެނެސްފައެވެ. ސްޓެލްކޯއިން ވިދާޅުވީ މާލެ ސަރަހައްދަށް އަލަށް ގެންނަ ޖަނެރޭޓަރު ސެޓުތަކާއެކު ކަރަންޓު އުފައްދާ މިންވަރު ގާތްގަނޑަކަށް 20 މެގަވޮޓަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި އިތުރުކުރެވޭ މެގަވޮޓުތަކާއެކު އެއްވެސް ޝޯޓޭޖެއްނެތި ރަމަޟާން މަހު ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ސެޝަންގައިވަނީ ކަރަންޓުގެ ޚަރަދު އެންމެ ބޮޑުވާ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެތަނަކާއި އެކަށީގެން ނުވާ ވަރުގެ ހައި ވޯލްޓެޖް ތަކެތި ބޭނުން ކުރުމާއި، އޭސީ ފަދަ ތަކެތި އަބަދު ޓެމްޕަރޭޗަރ ދަށްކޮށް މަތިކުރުމާއި އޭސީ ޖައްސާފައި ހުންނައިރު ކުޑަ ދޮރު، ފަދަ ތަންތަން ހުޅުވާފައި ބެހެއްޓުމާއި، ގަވާއިދުން އޭސީ ސަރވިސް ނުކުރުން ފަދަ ކަންކަން ހިމެނޭކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. ސްޓެލްކޯއިން ވިދާޅުވިގޮތުގައި ކަރަންޓު ބިލު ބޮޑުވުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެއްޗަކީ އޭސީއެވެ.
އެހެންކަމުން ކަރަންޓު ބިލު ކުޑަ ކުރަން ބޭނުންނަމަ އޭސީ ގަވާއިދުން ސަރވިސް ކުރުމާއި އޭސީގެ ޓެމްޕަރޭޗަރ އަބަދުވެސް 25ގައި ހިފެއްޓުމަކީ މުހިންމު ކަމެއްކަމަށް ސްޓެލްކޯއިން ފާހަގަކުރެވެ.
މީގެއިތުރުން ސްޓެލްކޯއިން ވަނީ އިލެކްޓްރިކް ސާމާނު ގަތުމުގައި ހަކަތަރި ލޭބަލް ޖަހާފައިވާ ތަކެތި އިޚްތިޔާރުކުރުމަށް އިލްތިމާސްކުރައްވާފައެވެ. މިހާތަނަށް އައިސް އަލަމާރިއާއި، އެއަރކޮންޑިޝަން އަދި ދޮންނަ މެޝިންގެ ޖުމްލަ 71 މޮޑެލްގައި ހަކަތަރި ލޭބަލް ޖަހާފައިވާއިރު އެތަކެތި ބޭނުން ކުރުމަށް ސްޓެލްކޯއިންވަނީ އެދިވަޑައިގެންފައެވެ. ރާއްޖޭގެ ހަކަތަރި ޕްރޮގްރާމަކީ، ބާޒާރުގައި ލިބެންހުރި ކަރަންޓުން އޮޕަރޭޓުކުރާ ސާމާނު، ގަންނައިރު އޭގެއިން ހަކަތަ ސަމަކާރަކުރާ (އެފިޝަންޓް) މިންވަރު ފަސޭހައިން ދެނެގަނެވޭ ނިޒާމެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ ނިޒާމެކެވެ.