ނިމިގެންދިޔަ ގަތަރު އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އެމެރިކާގެ އަމަންޑާ އަނިސިމޯވާ ފުރަތަމަ ފަހަރަށް ޑަބްލިއުޓީއޭ 1000 މުބާރާތެއް ކާމިޔާބުކޮށްފިއެވެ.
މި މުބާރާތާއި ކުރިމަތިލީއިރު ދުނިޔޭގެ ރޭންކިންގެ 41 ވަނައިގައި ހުރި އަނިސިމޯވާ މި މުބާރާތް ކާމިޔާބު ކުރުމާއެކު އޭނާގެ ޓެނިސް ހަޔާތުގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިންގެ ގަދަ 20 ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ އެވެ. އަދި މިއީ މި މުބާރާތުގެ ތާރީޚުގައި އެންމެ ދަށް ރޭންކެއްގައި ހުރެ މުބާރާތް ކާމިޔާބު ކުރި ކުޅުންތެރިޔާ އެވެ.
އަނިސިމޯވާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔެލޭނާ އޮސްޓަޕެންކޯ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ހަތަރެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
2023 ވަނަ އަހަރު ދުނިޔޭގެ ރޭންކިންގެ 359 ވަނައިގައި ހުރި އަނިސިމޯވާ އެ އަހަރު ޓެނިސް ކުޅުމާއި ކުޑަ ދުވަސްކޮޅަކަށް ދުރަށްގޮސްފަ އެވެ. މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އޭނާ ކުޅުމާއި ދުރަށް ގޮސްފައިވަނީ އޭނާގެ ނަފްސާނީ ހާލަތު ދަށްވުމުގެ ސަބަބުންނެވެ. ނަމަވެސް އެނބުރި ކުޅުމުގެ ތެރެއަށް އައިސް އަނިސިމޯވާ ވަނީ ތަފާތުތަކެއް ދައްކާފަ އެވެ.
ގަތަރު އޯޕަންގެ ޗެމްޕިއަންކަން އަނިސިމޯވާ ހޯދުމާއެކު އޭނާ ވެފައިވަނީ މި މުބާރާތް ކާމިޔާބުކުރި އެމެރިކާގެ ދެވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ. މީގެ ކުރިން މި މުބާރާތް ކާމިޔާބު ކޮށްފައިވާ އެމެރިކާގެ ކުޅުންތެރިޔަކީ 2002 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި މޮނިކާ ސެލެސް އެވެ.
އަދި މި މެޗުން ބަލިވި އޮސްޓަޕެންކޯ ވަނީ މި މުބާރާތުގެ ފައިނަލުގައި އޭނާ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. 2016 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުންވެސް އޭނާ ވަނީ ބަލިވެފަ އެވެ.