ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އަށްވަނައަށް ރެއާލް ބެޓިސް ޖެހިލައިފިއެވެ.
ރެއާލް ބެޓިސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 32 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ މަގާމު ލިބިފަ އެވެ. މި މެޗުން ބަލިވި ސޮސިއެޑާޑް އަށް ލިބިފައިވާ 31 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 20 ވަނަ މިނިޓުން ފެށިގެން ރެއާލް ސޮސިއެޑާޑް އިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ސޮސިއެޑާޑްގެ އިގޯ ޒުބެލްޑާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އަދި މެޗުގެ 75 ވަނަ މިނިޓުގައި ސޮސިއެޑާޑްގެ ޝެރަލްޑޯ ބެކާ އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗު ނިންމާލާފައިވަނީ 9 ކުޅުންތެރިންނާއެކުގަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ރެއާލް ބެޓިސްގެ އެންތޮނީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މިއީ ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑްއިން ދާދި ފަހުން ރެއާލް ބެޓިސް އާއި ގުޅުނު އެންތޮނީ އެ ކްލަބަށް ކުޅެދިން ތިންވަނަ މެޗުގައި ޖެހި ތިންވަނަ ލަނޑެވެ. އެންތޮނީ ޔުނައިޓެޑަށް ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 30 މެޗުގައިވެސް އޭނާއަށް ތިން ގޯލު ޖެހިފައެއް ނުވެއެވެ.
އޯލްޑް ޓްރެފަޑްގައި ރަގަޅު ކުޅުމެއް ދެއްކިފައިނުވާ އެންތޮނީ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިފައިވަނީ 2022 ވަނަ އަހަރު 81.3 މިލިއަން ޕައުންޑުގެ ފީއަކަށެވެ. މިއީ ޕޯލް ޕޮގްބާއަށް ފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ތާރީޚުގައި އެ ކްލަބަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.
މި މެޗުގައި ބެޓިސް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނިޓުގައި އެންތޮނީގެ އެސިސްޓަކުން އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާކް ރޮކާ އެވެ. އަދި އޭނާ ވަނީ އޭގެ ފަސް މިނިޓު ފަހުން އިތުރު ލަނޑެއް ޖަހާފަ އެވެ.